ފަހަރުން އަރައި ހަތަރު ލަނޑު ޖަހައިގެން 4-2އިން މޮޅުވެ، ބަޔާން މިއުނިކުން، ޔުވެންޓަސް ޗެމްޕިއަސް ލީގުން ކަޓުވާލައިފި އެވެ.
ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހީ ޔުވެންޓަސް އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ޖެހި ލަނޑާއި 28 ވަނަ މިނިޓްގައި ކުއަޑްރާޑޯ ޖެހި ލަނޑުން ޔުވެންޓަސް ހަމަޖެހިލި އެވެ. ނަމަވެސް 73 ވަނަ މިނިޓްގައި ރޮބަޓް ލެވޮންޑޯސްކީ ލަނޑު ޖެހުމަށްފަހު، ބަޔާން އެއްވަރުކުރީ މެޗުގެ ފަހު މިނިޓްގައި ތޯމަސް މުލާ ވައްދާލި ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރުވުމުން ނަތީނާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ބަޔާނުން އިތުރު ދެ ލަނޑު ޖެހި އެވެ. ތިއާގޯ އަލްސަންޓްރާ އާއި ކޯމަން ޖެހި ދެ ލަނޑުން ބަޔާން ކުރި ހޯދިއިރު މި ދެ ޓީމު މީގެ ދެ ހަފުތާ ކުރިން ޔުވެންޓަސްގެ ދަނޑުގައި ކުޅެގެން އެއްވަރުވީ 2-2އިންނެވެ. މިހެންވެ ދެ މެޗުގެ އެގްރީގޭޓުން ބަޔާން އަށް ކުރި ލިބުނީ 6-4އިންނެވެ.
މެޗަށް ފަހު ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އިޓަލީގެ ޓީމެއް ކޮޅަށް ފަހަތުން އަރައި ހަތަރު ލަނޑު ޖެހުމަކީ އާދައިގެ ކާމިޔާބީއެއްނޫން ކަމަށެވެ.
"މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް. އެމީހުންނަކީ އެންމެ ފަހުގެ ފައިނަލް ކުޅުނު ޓީމު. އަހަރުމެންނަށް އެނގޭ އެމީހުން ކިހާ ވަރުގަދަވާނެކަން. އަމުދުން އެމީހުން ދެ ލަނޑު ޖަހާފައި އޮއްވާ ލަނޑުތަކެއް ޖެހުމަކީ ވަޒަންކޮށްލަން ވެސް ދަތި، އެހާ އުނދަގޫކަމެއް. އަހަރެންގެ ކުޅުންތެރިންނަށް ފަށްފަށުން ޝުކުރު އަދާކުރަން،" މި ސީޒަނަށް ފަހު ޓީމާ ވަކިވާ ކޯޗު ބުންޏެވެ.
ބަޔާންގެ ކެޕްޓަން ފިލިޕް ލާމް ވެސް ބުނީ މިއީ އަދައިގެ ކާމިޔާބީއެއްނޫން ކަމަށެވެ.
"މީގެ ސަބަބުން އަހަރުމެން ކުރިއަށްވުރެ އެކުވެރިވާނެ. މިއީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް. އަހަރުމެން ކަށިން ހިތްވަރުކުރިން. އެމީހުން ދެ ލަނޑު ޖެހުމުން މާޔޫސްވުމުގެ ބަދަލުގައި ހުރިހާ ކުޅުންތެރިން ވެސް ހިތްވަރުކުރި،" ލާމް ބުންޏެވެ.
މެޗުން ބަލިވުމުން ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ އޭނާގެ ޓީމަށް ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފުނުނަމަ މެޗު ކާމިޔާބުވީސް ކަމަށެވެ.
"ޔަގީން 3-0 އަށް ނަތިޖާ ބަދަލުކޮށްލެވުނު ނަމަ މިކަން ކާމިޔާބުވީސް. ލިބުނު ފުރުސަތުތަކުގެ ތެރެއިން ބައެއް ފުރުސަތުގެ ބޭނުން ކުރެވުނީ. ބަލިވިޔަސް އަހަރެންގެ ކުޅުންތެރިންނާ މެދު ފަހުރުވެރިވަން،" މުހިންމު ތިން ކުޅުންތެރިއަކު ނެތި ރޭގެ މެޗަށް ނުކުތް ކޯޗު ބުންޏެވެ.