ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި 12 މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން މުއްދަތު ދީފި އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހަކު ފަސް ދުވަހަށް ބަންދު ކުރަން އަދި ދެން ތިބި ނުވަ މީހުން ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ.
ހިޔާ ޓަވަރުތަކުގެ ތެރެއިން ނުވަވަނަ ޓަވަރުގެ 11 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން 12 މީހަކު ހައްޔަރުކުރި ނަމަވެސް އަދިވެސް އެމީހުންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ އެޕާޓްމަންޓުގެ ދޮރު ވައްޓާލައިގެން ފުލުހުން އެތަނަށް ވަންއިރު އަނިޔާ ލިބުނު މީހާގެ ބޯ ބާލާފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިކޮށްލުމަށް ގޭންގު މީހުން ތައްޔާރުވަމުން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީހަކު ރަހީނުކޮށްގެން ގެންގުޅުނު އެޕާޓްމަންޓަކީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރަމުން ދިޔަ ތަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ހިޔާ ޓަވަރުތަކުގައި މީހުން ރަހީނުކުރުމުގެ ހާދިސާތައް މީގެކުރިންވެސް ހިންގާފައިވެ އެވެ. އެހެންވެ ނުދަންނަ މީހަކު ބުނި ނަމަވެސް ނުދަންނަ ތަނަކަށް ނުދިއުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.