އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މިރޭ 11:00 އާ ހަމައަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަޖެޓް ބަހުސް ކުރިއަށް ގެންދަން މިއަދާއި މާދަމާގެ ޖަލްސާގެ ވަގުތު އިތުރުކުރަން ވޯޓަށް އަހާފަ އެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރަން އެދޭ ހުރިހާ މެންބަރުންނަށް ފުރުސަތު އަރުވާ ނިމެންދެން، ހުސްވަގުތަށް ތަންދެމުން ރޭގަނޑު 11:00 އާ ހަމައަށް އަދި މާދަމާގެ ޖަލްސާގައި ވާހަކަ ދެއްކުމަށް އެދޭ މެންބަރުންނަށް ފުރުސަތު އަރުވާ ނިމެންދެން، ހުސްވަގުތަށް ތަން ދެމުން ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްވީ ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ބަހުސް ފަށާފައިވަނީ އިއްޔެ އެވެ. ބަޖެޓް ބަހުސްގައި އިއްޔެ ހަ މެންބަރަކު ވާހަކަ ދެއްކެވި އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓް މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ބަޖެޓުގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ.
އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. 13.3 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. މީގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމެނެ އެވެ.
އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.