ރޭޕް

ކުޑަ ކުއްޖަކާ ބެހުނު މީހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި މީހާ ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި މިއަދު ފަށައިފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ކޯޓުން ދޫކޮށްލީ ނ. މިލަދޫ، މީޒާން، އަހްމަދު ވިއާމް (27އ) އެވެ.

އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް 30 ދުވަސް ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވުމުން ކޯޓުން ފަހުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ. ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މި މައްސަލަ އެވެ.

ވިއާމް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުން އެދިފައިވަނިކޮށް ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.

ވިއާމް ދޫކޮށްލި މައްސަލަ ހައިކޯޓުގައި މިހާރު ފަށާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެހެންނަމަވެސް ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެން ނޫން ކަމުގައިވާތީ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.

ވިއާމް ހައްޔަރުކުރިއިރު އޭނާ ފިލުމަށް އެހީތެރިވެ ދިން މީހަކުވެސް އޭރު ހައްޔަރުކުރި އެވެ. ވިއާމްގެ ކުށުގެ ރެކޯޑެއް އޮންނަކަން އަދި މިހާތަނަށް އެނގިފައި ނުވި ނަމަވެސް އޭނާގެ މައްޗަށް މީގެ ހައެއްކަ އަހަރު ކުރިން ފައިސާގެ މައްސަލައެއްގައި ހުކުމެއް ކުރި ކަމަށް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާ ގޮތުގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ވިއާމްއާ ދެކޮޅަށް ދައުލަތުން މިހާރު ވަނީ ދައުވާވެސް އުފުލާފަ އެވެ.