ހަބަރު

ކުޑަ ކަކޫ ޖަހައިގެން ނުތިބެ، ދެން ދޭނީ ރައްދު: ނިހާން

ބަޔަކު ބިރުދައްކާ ކުޑަ ކަކޫ ޖައްސާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ މެންބަރުންނަކީ ކެރޭ، ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދިފާއުގައި ނިކުންނަން ކެރޭ ބަޔަކަށްވުމަށް ނިހާން ވަނީ ގޮވާލައްވާފަ އެވެ.

މެޑަމް ފާތިމަތު އިބްރާހިމް އިންތިޒާމުކުރައްވާ މަހާސިންތާގެ ތިންވަނަ ބުރު ހުޅުވައިދެއްވުމަށްފަހު މިރޭ ދަރުބާރުގޭގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދަނީ ޕީޕީއެމްގެ މެންބަރުން ކުޑަކޮށްފައި ބޭތިއްބުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެކަން ކޮންމެވެސް ވަރަކަށް އެ ފަރާތަކުން މީގެކުރިން ހާސިލުކުރި ކަމަށް ވެސް ވިދާޅުވި އެވެ.

"ވަގަށް ގޮވާ، ދުނިޔޭގައި ލެއްވިހާ ނުބައި ކަމެއް އަޅުގަނޑުމެންގެ ބޮލުގައި އަޅުވައި އެ ފަރާތްތަކުން ތިބީ ވަރަށް އުފުލަގައި މިކަން އެ ފަރާތްތަކަށް ކުރިއަށް ގެންދެވިދާނެ ކަމަށް ހިތާ، ބައެއް ފަހަރު އަޅުގަނޑުމެން އަތުން ކަންކަން ފޭރިގަނެފަ ވެސް އެބަހުރި، އެކަން އެގޮތަށް ވާނީ އަޅުގަނޑުމެން ކުޑަކަކޫ ޖަހައިގެން ތިބޭނަމަ، އެގޮތަށް އަޅުގަނޑުމެން އެއްގޮތަކަށް ވެސް ތިބެގެން ނުވާނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ސޯޝަލް މީޑިއާ ޑޮމިނޭޓްކުރެވޭ ބަޔަކަށް ޕީޕީއެމްގެ މެންބަރުން ވާން ޖެހޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޮނުވާ ހަމަލާތަކަށް ރައްދުގައި ހަމަލާދޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ނިހާން ވަނީ މެޑަމް ފާތުންނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ. އެގޮތުން މެޑަމް ފާތުންނަކީ ތާރީހުގައި ލިޔެވިގެންދާނެ ފަސްޓް ލޭޑީއެއް ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ހިދުމަތްތެރި ފަސްޓް ލޭޑީއެއް ރާއްޖެ ދެކިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ އެއް ސަތޭކަ އަހަރު ދުވަހުގެ ތާރީހަށް ބަލާލާއިރުވެސް އެމެރިކާ އަދި ހުޅަނގުގެ ބައެއް ގައުމުތަކުން ފެނުނު ބައެއް ފަސްޓް ލޭޑީންނާ އަޅާކިޔާ ނަޒަރު ހިނގާލާއިރު މަދު ބައެއް ނޫނީ ކަމަނާ [މެޑަމް ފާތުން] ތިޔަ ހޯއްދެވި ފަދަ ކާމިޔާބީއެއް ހޯއްދެވި ބޭފުޅެއް ނެތް،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީން ހޯދަވަމުންގެންދަވާ އިގުތުސާދީ ތަރައްގީއަށް ނިހާން ތައުރީފުކުރެއްވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިހާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބްރިޖް އަޅާތަން ބަލާލުމަށް ރާއްޖެ ވަޑައިގަތުމަށް ނިހާން ވަނީ ނަޝީދަށް ގޮވާލައްވާފަ އެވެ. ޔަގީންވެގެން ދަނީ އިދިކޮޅު ފަރާތްތައް ބަލިކަށިވެގެންދާތަން ކަމަށެވެ.

"2018 އަށް އެމްޑީޕީއަކު ކެނޑިޑޭޓެއް ވެސް ނެތް، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕާޓީއަކަށް ނުވާ ވެސް އެއް ސަބަބު މިއީ، ކެނޑެޑީޓަކު ދެއްކޭނެ ގޮތެއް ނެތް އެތެރޭގެ ކޯޅުންތައް ގިނަ ކަމުން، ހުރި ހަމައެކަނި ކެނޑިޑޭޓަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި އޮތް މީހެއް،" ނިހާން ވިދާޅުވި އެވެ.

ދެހާސް އަށާވަރު އަހަރު ރައީސްކަމުގެ ހުވާކުރައްވާނީ ރައީސް ޔާމީން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ސަރުކާރު ތެރޭގެ ތިބޭ މީހުން ދައުލަތުން ވައްކަން ކުރުމަކީ އާ ކަމެއް ނޫން ކަމަށާއި، ވަގެއް މޫނުމަތީ ވަގޭ ލިޔެފައިނުހުންނާނެ ކަމަށެވެ. އަދި އެމީހެއްގެ ސަބަބުން މުޅި ސަރުކާރުން އޭގެ ޒިންމާ ބޮލުގައި އަޅަންނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ސަރުކާރަކުން ވައްކަން ކުރުމުން އެބައެއްގެ މައްޗަށް ގާނޫނު ހިނގަވަންޖެހޭނެ ކަމަށް ވިދާޅުވެ އެކަން ފައްޓަވައިދެއްވި ރައީސްއަކީ ރައީސް ޔާމީން ކަމަށެވެ. މި ސަރުކާރުގެ ތެރެއިން ހިނގާދިޔަ ކަރަޕްޝަންގެ މައްސަލަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެކަމުގައި ބައިވެރިވާ މީހުންގެ ދިފާއުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވީ ރައީސް ނަޝީދު ކަމަށް ވެސް ވިދާޅުވި އެވެ.

"ކޯޓުތަކާ ހަމައަށް މައްސަލަ ފޮނުވިއިރު އެކަމުގައި ބައިވެރިވާ މީހުންނަކީ މައުސޫމް ބައެއް ކަމަށް ނަޝީދު އެވަނީ ވިދާޅުވެފައި،" ނިހާން ވިދާޅުވި އެވެ.