މެއިން ކާސްޓް:
އަހުމަދު އަޒްމީލް (ކަމާލް)
އައިޝަތު ރިޝްފާ (ރީމާ)
އިސްމާއިލް ޖުމައިހް (ޝާމް)
އަހުމަދު ނިމާލް
މަލީހާ ވަހީދު (ލައިލާ)
ޑައިރެކްޓަރު: ހުސެއިން މުނައްވަރު
އޮޖިރިނަލް ސްކްރީންޕްލޭ: ތިއްތި އިބްރާހިމް ނިފާރު
ސްޓޫޑިއޯ: ކިޑް ޕްރޮޑަކްޝަން
ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމުތައް ކަމުގައިވާ "ކުޗް ކުޗް ހޯތާހޭ" އާއި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފަދަ ފިލްމުތަކުގެ ރޮމޭންސް ދިވެހި ސިނަމާ އަށް ގެނެސްދިނުމަށް މި ދާއިރާގެ ތަޖުރިބާކާރުން މަސައްކަތްކުރީމަ އާންމުކޮށް ނުކުންނަ ނަތީޖާ އަށް "ނޭނގި ޔާރުވަކިވީ" އޭކިޔަން ހަމަ ވަރަށް ރަނގަޅުވާނެ އެވެ. އާޚިރުގައި ފިލްމު އަޅުވައި ނިމޭއިރު އޮންނާނީ "ޔާރު ގެއްލި" ކަތިވަޅި އާއި މަރިޔަނބު އާއި ކޮށިދަނޑު ވެސް ގެއްލިފަ އެވެ. އަދި އެވެސް، ފިލްމުގެ ޑައިރެކްޓަރަށް މީގެ ވާއެއްނުވާއެއް ""ނޭނގި ހުއްޓަ" އެވެ.
ޒުވާން ޑައިރެކްޓަރު ހުސެން މުނައްވަރުގެ ބުރަ މަސައްކަތެއް ކަމުގައިވާ "ނޭނގި ޔާރުވަކިވީ" ގެ ވާހަކަ ދައްކާ ނަމަ މި ވާހަކައަކަށް މިއަށް ވުރެ ވަކި ރަނގަޅު ފެށުމެއް ލިބޭނެހެނެއް ހީއެއް ނުވެ އެވެ.
އެހެންވީމަ އެންމެ ފުރަތަމަ ވެސް ފިލްމުގެ ސްޓޯރީލައިން ކިޔާލަދޭނަމެވެ. ކުރިއަށް އޮތީ ފިލްމުގެ ވަދާއީ ޝޯ ކަމަށްވުމުން ސްޕޮއިލާއެއް ކޮންމެހެން ބޭނުންވޭ ހެއްޔެވެ؟
ފޫހި ތިނެސްކަން ލޯބި!
މިއީ ފާޑެއްގެ ތިނެސްކަން ލޯތްބެއްގައި މަރުދަންޖެހޭ ތިން "އާޝިގެއް" ގެ ވާހަކަ އެވެ. ހަގީގަތަކީ ފިލްމުގެ ޕޯސްޓަރުގެ ބޭރުގައި ހަތަރު މީހެއްގެ ފޮޓޯޖަހައި އެގޮތަށް ތައްޔާރުކޮށްފައި އެ ވަނީ ބެލުންތެރިންނަށް ނިކަން ބޮޑު އޮޅުވާލުމެއް އޮޅުވާލުމުގެ މަގުސަދުގައި ކަމަށެވެ. އެ ބޮޑު އޮޅުވާލުމަކީ ފިލްމުން މި ދާއިރާ އަށް ތައާރަފްކުރި މަލީހާ ވަހީދު އެވެ.
ހަގީގަތަށް ވާހަކައެއް ބުނަނީ ނަމަ އެ އަންހެން ކުއްޖެއްގެ ފޮޓޯ މި ފިލްމުގެ ޕޯސްޓަރެއްގެ ބޭރުގައި ޖެހުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސަބަބަކީ ކިތަންމެ ބޮޑުކޮށް އެ ކުއްޖެގެ ފޮޓޯ ޕޯސްޓަރުގައި ހުއްޓަސް، މި އަންހެން ކުއްޖަކު މި ފިލްމެއްގައި އުޅުނުކަން ހީވެސްނުވާތީ އެވެ. އަދި މި ޕޯސްޓަރެއްގައި އެ އަންހެން ކުއްޖާ ދައްކާލާފައިވާ ގޮތުން ހީވަނީ ޖިންނި އަވަލައިގަނެގެން އުޅޭހެންނެވެ. އެކަމަކު އެކަހަލަ ކަމެއް ވެސް ފިލްމަކު ނެތެވެ.
އެކަމަކު މިއީ ފަހަރެއްގައި ޑައިރެކްޓަރު ހުސެއިން މުނައްވަރުގެ "އޯން ސްޓައިލް" އެކެވެ.
މީގެ ކުރިން ވެސް އޭނާ މިކަހަލަ ކަމެއްކޮށްފައިވެ އެވެ. އެއީ ކުރިން ޑައިރެކްޓްކުރި ފިލްމު "ސަޒާ" ގެ ޕޯސްޓަރެވެ. އެއީ ހަމަ ފިލްމުގެ މާކެޓިން އަށް އަމާޒުކޮށްގެން ނިކަން ބޮޑަށް އޮޅުވާލާފައިވާ ޕޯސްޓަރެކެވެ. ނުވަތަ "ސަޒާ" ގެ ޕޯސްޓަރުގައި އެ ފިލްމުގެ މައި ތަރި ކޮޕީ އިސްމާއިލް ރަޝީދަށް ނުދިން ތަނަވަސްކަން ލުފްޝާން ޝަކީބަށް ދިނީ ފިލްމީ ދިނީ ކޮޕީ އިސްމާއިލް ޕޯސްޓަރުގައި ޖަހައިގެން ފިލްމު ނުހިނގަފާނެ ކަމަށް ހުސެން މުނައްވަރަށް ގަބޫލުކުރެވިގެންނެވެ.
އެހެންވީމަ ކުރުގޮތަށް ބުނަނީ ނަމަ "ނޭނގި ޔާރު ވަކިވީ" އަކީ ވެސް "ހުސޭނުގެ ސްޓައިލް" އެވެ.
ފިލްމުގައި ރީމާ އަކީ އަނބިމަރުވެފައިވާ އެކަނިވެރި ބައްޕައެއްގެ ހުރި ހަމައެކަނި އަންހެން ދަރި އެވެ. އެ ރޯލު ފިލްމުގައި ކުޅެފައި ވަނީ ރިޝްފާ އެވެ. ބައްޕަގެ ރޯލު ކުޅެފައި ވަނީ ނިމާލެވެ. މި ކުޑަކުޑަ އާއިލާ ދިރިއުޅެނީ އަވައްޓެރި ސްރީ ލަންކާގަ އެވެ. މިހެން އުޅެނިކޮށް އެމީހުންގެ މި ސުލްހަވެރި ދިރިއުޅުމަށް ފުންމާލަކީ ކަމާލް ނަމަކަށް ކިޔާ ނިކަން "ސެކްސީ" ޒުވާނެކެވެ.
ދެން ފެނިގެން ދަނީ މި "ސެކްސީ" ޒުވާނެއްގެ ޖާދުލެއްގައި، އެ ބިކުރުވެރި ރީމާ ޖެހި ދަމައިގަނެގެން ގޮސް ވާނެ އެއްޗެއްވެ އެ މައުސޫމް އަންހެން ކުއްޖާގެ ހަޔާތް އެފުށްމިފުށަށް ޖެހިގެންދާ ގޮތެވެ.
ފިލްމުގައި އަޒޭ ކުޅެފައިވާ "ސެކްސީ ކެރެކްޓާ"އާ އެއް ފެންވަރަަކަށް ތަރައްގީކޮށް "އަންހެން ކުއްޖެއްގެ ހިތް ދަމައިގަނެ ފަތަހަކޮށްލުމުގެ" ބާރު އެ ވަރަށް ލިބި ދީފައިވީ ދެ ވަނަ ކެރެކްޓާއެއް މީގެ ކުރިއަކުން ދިވެހި ފިލްމަކުން އަޅުގަނޑެއް ނުދެކެމެވެ. -- މިއީ ޖިނާ ވެސް ޖޭކޮށްލާ ފެންވަރުގެ ކެރެކްޓާއެކެވެ!! ބިންމާމެން ވެސް ސަމާލުވާން އެބަޖެހެވެ!!
ކޮންމެއަކަސް މި ކަމާލެއްގެ އުނގަށް ވެއްޓި ރީމާ އަށް ލޯބި ދަސްވެ، ދުނިޔެ އޮޅި، އަސްލު އޮޅި އެންމެފަހުން ބަނޑުބޮޑުވަނީ އެވެ. އޭރު އޮންނަނީ "ނޭނގި ޔާރުވަކިވީ" ވެފަ އެވެ. ދެން މި ރީމާއެއްގެ ހަޔާތަށް އޭނާގެ ކުޑައިރުގެ އެކުވެރިޔަކު (ޖުމައިހް) އައިސް އޭނާގެ ސިއްރުތައް ހޯދައި އެންމެފަހުން އޭނާގެ ހިތް ވެސް އަތުލަނީ އެވެ.
"ވަކިވި ޔާރު" ރީމާގެ ހަޔާތަށް އެނބުރި އަންނައިރު އޮންނަނީ ހަމަ ރަނގަޅަށް ވެސް ވަގުތު ފާއިތުވެފަ އެވެ. ނުވަތަ ރީމާގެ ހަޔާތަށް ކަމާލް އެނބުރި އަންނަނީ އޮން ޓައިމް އަށެވެ. ހެޕިލީ އެވާ އާފްޓާ ފެށޭ ހިސާބަކީ މިއީ އެވެ.
ކޮންމެއަކަސް މި ކިޔައިދެވުނީ ގާތްގަނޑަކަށް މި ފިލްމުގައިވާ ގޮތުގެ ކުރު ހުލާސާއެކެވެ. އެކަމަކު އަދި މިހައި ހިސާބުން މި ފޫހި ފިލްމެއްގެ ވާހަކަ ދައްކައި ނިމުނީކީއެއް ނޫނެވެ. ހަގީގަތަކީ މި ފިލްމެއް ބެލުމަށްވުރެ ބޮޑަށް މި ފިލްމެއްގެ ވާހަކަ މިގޮތަށް ދައްކައި "ހިނިގަޅައިގެން" ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެތީ ކެމެވެ.
ފިލްމު ބަލަން ގޮސް ތިބި މީހުންނަށް އޭގެ އެންމެ ހިތާމަވެރި މަންޒަރު މަޖާވެފައި އެންމެ މަޖާ މަންޒަރު ހިތާމަވެރި މަންޒަރަކަށް ބަދަލުވީމަ ވެސް ފިލްމުގެ ފޭރާން އޮތް ހިސާބު އަމިއްލަ އަށް ވެސް ވަޒަންކޮށްލެވޭނެ އެވެ.
މަސައްކަތް ފެށުނީމަ ނިންމާލާފައި އޮތް ފިލްމެއް!
މި ފިލްމު ބެލީމަ އެއިން ދިން މެސެޖަކީ މިއީ އެވެ. "ނޭނގި ޔާރުވަކިވީ" އެންމެ ވައްތަރީ ފިލްމެއް ހަދަން އެއްބަސްވެވިފައި އެ ފިލްމެއްގެ މަސައްކަތް ފެށިފައި އޮތުމުން ދެން ކޮންމެ ގޮތެއް ހަދައިގެން ވެސް އެ ފިލްމެއް ނިންމައިގެން ނެރެން ޖެހޭތީ ނިންމާފައި އޮތް ފިލްމަކާ އެވެ.
ހަގީގަތުގައި ވެސް ފެންވަރު ރަނގަޅު ފިލްމުތަކެއް ނެރުމަށް ފިލްމީ ދާއިރާ އިން ބުރަކޮށް މަސައްކަތްކުރާ މި ދުވަސްވަރު ނެރުނު ފިލްމަކަށް ބަލާފައި މި ފިލްމަކުން އެ ހިތްވަރެއް ނުވަތަ އެފަދަ މަސައްކަތެއްގެ ކުލައެއް ވެސް ފެނިފައެއް ނުވެ އެވެ.
ފިލްމުގެ އެންމެ ވީކީ ތިއްތި ނިފާރު އެއަށް ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭ އެވެ. މި ސްކްރީންޕްލޭއެއް ކިޔާލާފައި މީހަކު ތިއްތި ނިފާރުގެ އަމިއްލަ ރާގަށް ލޯބިކުރާނެހެނެއް ވެސް ހީއެއް ނުވެ އެވެ. އެހާ ވެސް ފެންވަރު ދަށީ އެވެ.
މި ފިލްމެއް ބަލަން ގޮސް ފިލްމު ފެށިގެން ނިމެންދެން އޮލިމްޕަހުގެ އެ ފިނީގައި ތުރުތުރުއަޅައަޅަ ހުރި ކަމުގައިވާ ނަމަ މި ދައްކާ ވާހަަކައިގައި ހުރި ހަގީގަތް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެހެންޏާ ފަހެ، މި ފިލްމެއްގައި ތިބި ކެރެކްޓާސްތައް އޭގެ ސްކްރިޕްޓަކަށް ފޫހިވެ ރުޅިގަދަވެފައިވާ ކަހަލަ އެވެ.
ދެ ލީޑް ކެރެކްޓާ ބައްދަލުވެ ދައްކާނެ ވާހަކައެއް ނޭނގިގެން "ސިނގިރޭޓްގައި ދެނީ ކޮން ކަހަލަ ރަހައެއްތޯއޭ" ކިޔާފައި ނުވަތަ "ސިނގިރޭޓް ވަރަށް މީރު ތޯއޭ" ކިޔާފައި މާފޮޅުވާ ހިސާބަށް ދާންވީ ދެން ވަކި ކޮން ސަބަބެއް އޮވެގެންތޯ އެވެ؟ ހަގީގަތަކީ ފިލްމުގައި މަގުއޮޅުނު ރީމާ އާއި ކަމާލް އަށް ވުރެ ބޮޑަށް މަގުއޮޅިފައި ވަނީ މި ފިލްމުގެ ސްކްރީންރައިޓަރު ކަމެވެ.
ފިލްމުގެ ކެރެކްޓާސްތައް ތިބީ އެ ފިލްމު ބަލަން ވަން މީހުންނަށް ވުރެ ބޮޑަށް ފޫހިވެފަ އެވެ.
މީގެ އިތުރުން ފިލްމުގެ ޑަބިން އިން ފެށިގެން މަންޒަރުތަކާ ހަމަ އަށް ވެސް އޭގެ އޮމާންކަން އެއްގޮތަކަށް ވެސް ހިފެހެއްޓިފައެއް ނެތެވެ. މި މައްސަލަތައް ރަނގަޅުކުރަން އެ އެފަޓް ލާފައިނުވާކަން ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ. ނުވަތަ އެ އެފަޓް ދީގެން ވެސް އެ ކޮލިޓީ ފިލްމަށް ނޭރީ އެވެ.
ބޮޑަށް ހީވަނީ މި ފިލްމު ކުޅެފައިވަނީ ތިރީގައި މި ފެންނަ ފޮޓޯގައި ވެސް އެ ފެންނަ އުނދޯލީގައި އެކަނިހެންނެވެ. ފިލްމެއް ހަދާށޭކިޔާފައި އަދި މިވަރަށް މަސައްކަތްކުރިޔަސް ނަތީޖާއެއް ނުނިކުންނާނެ އެވެ.
ފިލްމަށް ޝައުގުވެރިވާން ޖެހޭ އެއްވެސް ސަބަބެއް ނެތް!
ފިލްމަކަށް ބަޔަކު މީހުންގެ ޝައުގުވެރިކަން ދަމައިގެން ގޮސްފާނެ ގޮތަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. އެ ފިލްމެއްގެ ޕްރޮމޯޝަން ވަރުގަދަވުމެވެ. އެ ފިލްމެއްގައި ތިބޭ ތަރިން މުހިންމުވުމެވެ. ޑައިރެކްޓަރުގެ ނަމެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނު މީހާ ހާއްސަވުމެވެ. މިހެން ގޮސް ބައިވަރު އިތުރު އެހެން ޓެކްނިކަލް ސިފަތައް ވެސްމެ އެވެ.
ނުވަތަ މި ދެންނެވި އެއްވެސް ސިފައެއް އޭގެ ކްރެޑިޓްސްގައި ނުހިމެނި އެކަމަކު މި ދެންނެވި "ފެކްޓާ" އެ ފިލްމެއްގައި ހިމެނުމެވެ.
އެކަމަކު "ނޭނގި ޔާރުވަކިވީ" އަކީ މަތީގައި މި ދެންނެވި ކަހަލަ އެއްވެސް ސިފައެއް ނުވަތަ އެ ސިފަތަކާ ނުލައި ބެލުންތެރިން އާޝޯހުކޮށްލުވާލުމުގެ ގާބިލުކަމެއް ވެސް އެއަށް ލިބިގެންވާ ފިލްމެއް ނޫނެވެ. މި ފިލްމަށް ކުރެވުނު ކަމަކީ ދިވެހި ސިނަމާގެ އެންމެ މަގްބޫލު އަދި އެންމެ ކާމިޔާބު "ލޯބީގެ ކުޅިގަނޑު" ފުން އަދަވަޅަކަށް ވައްޓާލެވުމެވެ.