ބޭރު ކުޅިވަރު

ޔުނައިޓެޑް ކަޓުވާލުމަށްފަހު ލިވަޕޫލް ކުއާޓާ ފައިނަލަށް

އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށްފަހު ލިވަޕޫލް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޔުނައިޓެޑުގެ ދަނޑުގައި ރޭ މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ އަކުން އެންތަނީ މާޝިއަލް ލަނޑު ޖަހާފައިވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިލިޕް ކޫޓީނީއޯ އެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ކުއާޓާ ފައިނަލަށް ދިޔައީ ދެ މެޗުގެ ނަތީޖާއިން 3-1އިން ކުރި ހޯދައިގެންނެވެ. މިދެ ޓީމު ލިވަޕޫލް ދަނޑުގައި ކުޅެގެން 2-0އިން މޮޅުވީ ލިވަޕޫލެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދި އަނެއް ކުލަބަކީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑެވެ. އަމިއްލަ ދަނޑުގައި 4-0އިން ޓޮޓެންހަމުގެ މައްޗަށް ކުރި ހޯދި ޓީމު ރޭ މޮޅުވީ 2-1އިން.