އެމްޑީޕީ

މަޝްވަރާކުރުމަށް އިތުބާރު ހިފޭ މާހައުލެއް ގާއިމްކޮށްދޭން އެމްޑީޕީއިން އެދިއްޖެ

ސިޔާސީ ޕާޓީތަކާއެކު ކުރާ މަޝްވަރާތަކަށް އިތުބާރު ކުރެވޭ މާހައުލެއް ގާއިމްކޮށްދޭން އެދި އެމްޑީޕީއިން ސަރުކާރަށް ސިޓީއެއް ފޮނުވައިފި އެވެ. އެމްޑީޕީ މިގޮތަށް އެދިފައިވާއިރު މިހާތަނަށް ޝެޑިއުލް ކުރި ހުރިހާ ބައްދަލުވުމަށް އެ ޕާޓީން ވަނީ ފުރަގަސްދީފަ އެވެ.

އެމްޑީޕީ އިން ބުނީ ރައީސް އަބްދުﷲ ޔާމީނަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އެ ސިޓީގައި ވަނީ ރާއްޖޭގެ ހާލަތު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް، ރައްޔިތުންގެ ތަރައްގީއާއި މަންފާއަށް މިވަގުތު އެންމެ މުހިއްމީ ހުރިހާ ސިޔާސީ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުން ކަމަށް އެމްޑީޕީ އިން ވެސް ދެކޭ ކަމަށާއި އެހެން ކަމުން މަޝްވަރަތައް ވީހާވެސް އަވަހަށް މަޝްވަރާތައް ފެށުމަށް އިތުބާރު އޮތް މާހައުލެއް ގާއިމު ކުރުމަށް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ރައީސލްޖުމްހޫރިއްޔާއަށް ގޮވާލާ ކަމަށެވެ.

"... މީގެ ކުރިންވެސް މަޝްވަރާތައް ނާކާމިޔާބުވެފައިވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން. އެހެންވެ މަޝްވަރާގެ ވާހަކަތައް ދެއްކުމަށް އިތުބާރު އޮތް މާހައުލެއް ސަރުކާރުން ގާއިމުކޮށްދޭން ޖެހޭ،" އެސިޓީގައި ބުނެފައި ވެއެވެ.

ސަރުކާރުން އިސްވެ ފައްޓަވައިފަވާ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީގެ ލީޑަރުން ދޫކޮށްލުމާއި މެދު މަޝްވަރާ ކުރަން ދެ ފަހަރަށް ވަކިން ދައުވަތު ދިނެވެ. ނަމަވެސް އެޕާޓީ އިން ވަނީ މަޝަވަރާތަކުގައި ބައިވެރިނުވެފަ އެވެ. އެހެން ކަމުން ސަރުކާރުން ބުނެފައި ވަނީ މަޝްވަރާތަކުގައި އެމްޑީޕީ ބައިވެރި ކުރުވުމަށް ބޭރު ފަރާތްތަކުގެ ވެސް އެހީ ހޯދާނެ ކަމަށެވެ.