މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރި ކުރުމާއި ނުކުރުމަކީ އެމްޑީޕީގެ ކަމެއް ކަމަށާއި އެއީ ސަރުކާރުގެ ކަމަކަށްނުވާއިރު ސަރުކާރުންކޮށްދޭންޖެހޭ ކަމަކީ އެކަށީގެންވާ މާހައުލެއް ގާއިމްކޮށް ސިޔާސީ ލީޑަރުން މިނިވަން ކުރުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރި ކުރަން ސަރުކާރުން ނިންމައި އެކަން އިއުލާނު ކޮށްފައި ވަނިކޮށެވެ. ސަރުކާރުން ބުނެފައި ވަނީ ޕާޓީތަކުގެ މަޝްވަރާތަކަށް ޖަލަށް ޒިޔާރަތްކޮށް އެ ބޭފުޅުންނާއެކު މަޝްވަރާތަ ބާއްވައިގެން ސަރުކާރުގެ އިހުލާސްތެރިކަން ދައްކަން ނިންމާފައިވާ ކަމަށާއި ނަޝީދުވެސް މަޝްވަރާގައި ބައިވެރި ވުމަށް ރާއްޖެއައުމަށް ގޮވާލާ ކަމަށެވެ.
އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ ޕާޓީއިން ސަރުކާރުގައި އެދިފައިވާނީ މަޝްވަރާ ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމް ކުރަން ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ކަމަށެވެ. އެއާހިލާފަށް ވަކި މީހަކު މަޝްވަރާތަކުގައި ބައިވެރި ކުރުވަން އެދިފައި ނުވާނެ ކަމަށެވެ.
"ސަރުކާރަށް އެ އޮތީ ވަރަށް ބޮޑަށް އޮޅިފައި. އަޅުގަނޑުމެން އެދެނީ ރަނގާޅު ސިޔާސީ މާހައުލެއް ގާއިމްކޮށް އިތުބާރު އުފެއްދުމަށްޓަކައި، ހަމަތަކާއި އުސޫލުތަކާއި ހިލާފަށް ހުކުމްކޮށް ޖަލަށް ލާފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން. ވަކި މީހަކު ޕާޓީގެ ފަރާތުން ވާހަކަދައްކަން ގެންގޮސްދޭން ނުބުނަން. ނަޝީދު ބައިވެރި ކުރުވާނެތޯއެއް ނޫންތޯ ކނޑައަޅައިނީ ޕާޓީ އިން. އެއީ މިކަމާއި ބެހޭ ވެސް ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ޕާޓީ ޓޯކްސްގައި ރައީސް ނަޝީދު ބައިވެރި ކުރުމަކީ އެ ޕާޓީ އިން ކަނޑައަޅާނެ ކަމެއް ކަން، ސަރުކާރުން ފޮނުވާފައިވާ ސިޓީގެ ޖަވާބަކަށް ދަންނަވާނެ ކަމަށާއި އަދި މަޝްވަރާ ކުރުމަށް ލީޑަރުން ދޯކޮށްލުމަށް ވެސް ގޮވާލާނެ ކަމަށެވެ.
ސަރުކާރުން އިސް ނަގައިގެން ކުރިޔަށް ގެންދަން މަސައްކަތް ޝްވަރާތަކުގައި އަދާލަތާއި އެމްޑީޕީއިން ނޫން އެހެން ހުރިހާ ޕާޓީއަކުން ވަނީ އެއްބާރުލުން ދީފައެވެ.