އައްޑޫ ސިޓީ

އަވިން ހަކަތަ އުފައްދާ 1.6 މެގަވޮޓުގެ ނިޒާމު އަންނަ މަހު އައްޑޫގައި ގާއިމް ކުރަނީ

އައްޑޫ ސިޓީގައި އަވިން ހަކަތަ އުފައްދާ 1.6 މެގަވޮޓުގެ ނިޒާމު އަންނަ މަހު ފަހުކޮޅު ގާއިމް ކުރަނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ ބުނީ އައްޑޫ ސިޓީއާއި ގުޅިފައިވާ ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދާ 1.6 މެގަވޮޓުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު އަންނަ މަހުގެ މެދެއްހާ ތަނުގައި ރާއްޖެ ގެންނާނެ ކަމަށާއި އެމަހު ފަހުކޮޅު އެތަކެތި ފުރާޅުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުދޫ އާއި މީދޫގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށްޓަކައި އެންވާރަމަންޓް މިނިސްޓްރީގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ދާކަމަށާއި އެ ދިރާސާއިން އެރަށުގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްގެން ކަރަންޓު އުފެއްދުމަށް ފުރުސަތު ހުރި މިންވަރު ދެނެގަނެވި ކަރަންޓު ފޯރުކޮށްދޭ ނިޒާމުގެ ފެންވަރު ރަނގަޅު ކުރަން ކުރަންޖެހޭ މަސައްކަތްތައް އެނގިގެންދާނެ ކަމަށް އެމިނިސްޓްރީ އިން ބުންޏެވެ.

ސަރުކާރުން ހަކަތާގެ ދާއިރާއިން ކުރަމުން އަންނަ އިތުރު މަސައްކަތްތައް ފާހަގަކޮށް އެންވާރަމަންޓް މިނިސްޓްރީ އިން ބުނީ ބ. ގޮއިދޫގައި 200 ކިލޯވޮޓު، ޅ. ކުރެންދޫގައި 300 ކިލޯވޮޓު، ތ. ބުރުނީގައި 100 ކިލޯވޮޓު އަދި ގއ. ވިލިގިލީގައި 300 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެއިމަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމު އަޕްގްރޭޑު ކުރުމުގެ މަސައްކަތުގެ ބީލަން ދަނީ ތައްޔާރުކުރަމުން ދާކަމަށާއި ށ. އަތޮޅުގައި ވެސް މިމަސައްކަތްތައް ފެށުމަށް ދިރާސާ ކުރަމުން ދާ ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.