މޯލްޑިވިއަން އައިޑޮލް

ދިވެހިވަންތަ ރަހަތަކަކަށް ތައްޔާރުތަ؟

މޯލްޑިވިއަން އައިޑޮލް ވައިގަ ހިފާފައިވާއިރު މިރޭ މިއީ އަނެއްކާވެސް ބޮޑު ރެއެކެވެ. މިރޭގެ ޝޯ ވަރަށް ވެސް ތަފާތުވެގެންދާނެ އެވެ. އޮތީ ތަފާތު ތީމެކެވެ. "މޯލްޑިވިއަން" އެވެ.

ދިވެހިވަންތަ ހެދުންތަކުގައި ނުވަ ބައިވެރިން ހުށަހަޅައިދެނީ ދިވެހިވަންތަ ލަވަތަކެކެވެ. މިރޭގެ ޝޯގައި ނުވަ ބައިވެރިން ވެސް ލަވަ ކިޔުމަށް ހަމަޖެހިފައިވާއިރު މި ހަފުތާގެ ތީމަށް ބައިވެރިން ހޭނުމަށް މިދިޔަ އަންގާރަ ދުވަހު އެ ބައިވެރިންނަށް ހާއްސަކޮށްގެން ދިވެހި ޖާފަތެއް ބާއްވާފައިވެ އެވެ. އަދި އެ ބައިވެރިޔަކަށް އެންމެ ކަމުދާ ދިވެހި ކެއުމުގެ ވާހަކަ ދައްކާފައިވެ އެވެ.

މާބަލް ހޮޓެލްގައި ދިރިއުޅެމުންދާ މި ނުވަ ބައިވެރިންގެ ތެރެއިން ފާލިހުއަށް އެންމެ ކަމުދާ ކެއުމަކީ ބަތާއި ގަރުދިޔަ ރެއްސާއެކު އެވެ. ބޮނޑިބަތް އަދި ޝަރުބަތު އިޝާންއަށް ކަމުދާއިރު ޝަލަބީއަށް މީރީ މަސްބަތާއި ރިހާކުރެވެ. އަމާންގެ ލިސްޓު ދިގެވެ. އޭނާއަށް އެންމެ ކަމުދަނީ ބަތާއި ގަރުދިޔަ، ލުނބޯ އަދި ގިތެޔޮ މިރުހާއި ކަޅު ސަޔާއެކު އެވެ.

އުނގޫފާރަށް އުފަން އަޒުލީމާއަށް އެންމެ ކަމުދަނީ ބަތާއި ތެލުލި ރިހާކުރެވެ. ފިޓް ގާއީ ޒަލިފަށް އެންމެ މީރީ، ފަރުމަހާއި ގަރުދިޔަ އަދި ބަތެވެ. ބަތާއި ރިހާކުރު، އަދި ތެލުލި ފަތް މޮޑެލައިގެން ކާލަން ސޯދިގަށް އެންމެ ކަމުދާއިރު ރޮކްސްޓާ މުއައްޒިން ވެސް ހަމަ އެންމެ މީރީ މި ކެއުމެވެ. ޑޮކްޓަރު ލައިޝާއަށް އެންމެ މީރު ދިވެހި ކެއުމަކީ މަސްހުންޏާއި ރޮއްޓެވެ. ބަތާއި ރިހާކުރު ވެސް ގޯހެއް ނޫނެވެ.

މިރޭ ވެސް ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭ އިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މާދަމާ ރޭގެ ޝޯ އިން ވެސް އެއްކުއްޖަކު މުބާރާތާއި ވަކިވެގެންދާނެ އެވެ.

ރާއްޖެގައި ދައްކާ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ ގެ ގާލާ ރައުންޑު ތިން ހަފްތާ ކުރިން ފަށާފައިވާއިރު ބެލުންތެރިންނަށް އެތައް ސަޕްރައިޒެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޕީއެސްއެމްއިން ބުނާ ގޮތުގައި ސަޕްރައިޒްތައް އަދި އޮތީ އެވެ.

ގާލާ ރައުންޑުގައި ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިއެއް ކަޓައިގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި އަންނާނެ އެވެ.