ހަބަރު

ގޭންގު މާރަމާރީއާ ގުޅިގެން 13 މީހަކު ހައްޔަރު ކޮށްފި

މާލޭގެ ދެ ގޭންގެއް ދެމެދު މިރޭ ހިނގި މާރަމާރީއާ ގުޅީގެން 13 މީހަކު ހައްޔަރު ކޮށްފި އެވެ. ދެ ގޭންގުގެ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރޭގައި މާރަމާރީ ހިނގުމުގެ ސަބަބުން ބައެއް މީހުނަށް ވަނީ އަނިޔާވެފަ އެވެ. އެކަމާއި ގުޅިގެން ފުލުހުން މިރޭ ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ. ފުލުހުންގެ އޮފިޝަލެއް ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިހާރު 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހަމަނުޖެހުމުގެ ތެރެއިންނާއި ފުލުހުންގެ ހިނގި އޮޕަރޭޝަނުގެ ތެރެއިން އަނިޔާވި ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އެ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، އެކެއްގެ ބޯ ފެހުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެނެއް މީހާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ކަންފަތުން އަދިވެސް ލޭމަނާ ނުވާ ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ، ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލާގައި ދައުވާ އުފުލި ތިން މީހުންނާއި އިތުރު ގޭންގަކާ ދެމެދު އެވެ. މި ތިން މީހުންނަކީ މަސްއޮޑިއަށް ނިސްބަތްވާ ބައެކެވެ. އެއީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ. ތިން މީހުން ދޫކޮށްލާފައިވަނީ އިއްޔެ، ކްރިމިނަލް ކޯޓުން އެގޮތަށް އަމަރުކުރުމާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލާފައިވާއިރު މި މައްސަލާގައި ހެކި ބަސް ނެގުން އަދި ނުނިމެ އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅީގެން ފެށި އޮޕަރޭޝަންތައް އަދިވެސް ކުރިޔަށްދާ ކަމަށެވެ.