މީހުން މެރުމާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވިދާޅުވެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް މުހައްމަދު އަމީން ހަވަރަށްދީ އަވަހާރަކޮށްލި ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ދިފާއު ކުރައްވާ ދެއްކެވި ވާހަކައިގެ ވީޑިއޯ ހިއްސާކޮށްފަ އެވެ.
އިހްސާންގެ ޕޯސްޓްގައި ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ގައުމެއް ކަމަށެވެ. ނަމަވެސް މި ހައްގުގެ ބޭނުންކުރަން ވާނީ ޒިންމާދާރުކަމާ އެކުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ނަން ފާހަގަނުކޮށް އެކަމަކު ފައްޔާޒަށް އަމާޒުކުރައްވާ މިނިސްޓަރު ވިދާޅުވީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމުގައިު ނަމޫނާ ދައްކަވަންޖެހޭ ބޭފުޅުން ކަމަށެވެ.
"ގާނޫނުތަކާއި ހިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެއް،" އިހްސާން ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުށީގައި މިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދެއްކި އެ ޕާޓީގެ އެކްޓިވިސްޓަކު ވަނީ ރައްޔިތުން ނިކުމެ ރައީސް އަމީން ހަވަރަށްދީ އަނިޔާކޮށް އަވަހާރަކޮށްލި ހާދިސާ ސިފަކޮށް އެގޮތް ރައީސް މުއިއްޒަށްވެސް ހަދަންވީ ކަމަށް ބުނެ ވާހަކަދައްކާފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން އެމްޑީޕީއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ފައްޔާޒު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ އެ ވާހަކަތައް ދިފާއުކުރައްވާފަ އެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ އެ ވާހަކަ ދެއްކި މީހާ އެ ވާހަކަ ދެއްކީ ރައީސް މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
"ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ސަފީރު އަދި ރައީސް އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
ފަރަހަނާޒް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ފައްޔާޒު ދިފާއުކުރެއްވި ވާހަކަތައް ކުށްވެރިކުރައްވާފަ އެވެ.
ފަރަހަނާޒް ވިދާޅުވީ ކޮންމެ ގޮތަކަށް ކަމެއް ކުރި ނަމަވެސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމް ދީނުގައިވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯޯޯ؟،" ފައްޔާޒު ވާހަަކަތަކާ ދޭތެރޭ ސުވާލު އުފައްދަވަމުން ފަރަހަނާޒް ވިދާޅުވި އެވެ.
"އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިނގިރޭސިވިލާތުގައި ހުންނެވި ދިވެހި ސަފީރު ފަރަހަނާޒު ވިދާޅުވި އެވެ.