ރޭ ވެގެން ދިޔައީ ރޯލަންވެސް ރަނގަޅު ރެއަކަށެވެ. މޯލްޑިވިއަން އައިޑަލްއެއްގެ ޖާދުލެއްގައި ޖެހިފައި ތިބި ރީތި ފިރިހެން ކުދިންނާއި، ރާއްޖޭގެ ފުރަތަމަ އައިޑަލް އަކަށް އަންހެން އަޑެއް ހޮވަން ހުވަފެން ބަލަން ތިބި އެތައް ބަޔަކަށް ހާޓް އެޓޭކެއް ވެސް ރޭ އައުމަކީ ނާދިރު ނޫން ކަމެކެވެ. މޯލްޑިވިއަން އައިޑަލްގެ "ބްލެކް ބިއުޓީ" ދެނެއް އެ ޝޯއަކުން ނުފެންނާނެ ތީއެވެ. ވަރަށް އުންމީދު ނުކުރާ ގޮތަކަށް ގާލާ ރައުންޑުގެ ތިންވަނަ ޝޯއިން ރ. އުނގޫފާރަށް އުފަން ޒުވާން ލަވަކިޔުންތެރިޔާ ފާތިމަތު އަޒްލީމާ ރޭ ވަކިވެގެން ދިޔައީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.
އެލިމިނޭޝަން ރައުންޑަށް ގޮސްދާނެ ކަމަށް ގަބޫލުކުރެވުނަސް މިއަށްވުރެ ކުރިއަށް ދެވޭނެ ކަމަށް އުންމީދުކޮށްގެން ހުއްޓާ ކެޓުން ވެސް އަޒްލީމާ ސިފަ ކުރީ މުހިއްމު ތަޖުރިބާއެއްގެ ގޮތުގަ އެވެ. އަޒްލީމާގެ ނަޒަރުގައި މޮޅާއި ދެރައަކީ ވަރަށް ހެއްވާ އެއްޗެކެވެ. ހާއްސަކޮށް މުބާރާތެއްގައި މޮޅާއި ދެރަ ޔަގީންކޮށް އަންދާޒާ ކޮށްލާކަށް ނޭނގޭނެ އެވެ. އެހެން ނަމަވެސް މުބާރާތަކުން ލިބޭ އެންމެ މުހިއްމު ފިލާވަޅަކީ އަބަދުވެސް މޮޅަށް އުންމީދުކުރަން އެނގުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކުރަން ދަސްވުން ކަމަށް އަޒްލީމާ ދެކެ އެވެ. އެހެންވީމާ އަޒްލީމާ އަކީ ބެލުންތެރިން ހީކުރި ވަރަށް ވުރެ މާ ހިތްވަރުގަދަ ކުއްޖެއް ކަން މިއޮތީ ފެންނާށެވެ.
"އަބަދުވެސް އުންމީދުކުރަންވާނީ މައްޗަށް ދޯ. ކަޓާނެ ކަމަށް އުންމީދުކޮށްގެން އެހެނެއް ނޫން. އެކަމަކު އަޅުގަނޑު ގަބޫލުކުރަން މިއީ މުބާރާތެއްކަން. މޮޅާއި ދެރައަކީ އަބަދު ވެސް މުބާރާތެއްގައި އޮންނާނެ ކަމެއް. އެކަމަކު މިއީ އަދި ނިމުމެއް ވެސް ނޫން،" ރޭގެ ޝޯ އަށްފަހު އަވަސް އާ ވާހަކަ ދައްކަމުން އަޒްލީމާ ބުންޏެވެ.
މޯލްޑިވިއަން އައިޑޮލް ފެށިގެން ދުވަސްކޮޅެއް ނުވަނީސް އެ ޝޯވްގެ އެހެން ވެސް ބައެއް ބައިވެރިންނެކޭ އެއްގޮތަށް ގިނަ ބެލުންތެރިންނެއްގެ ފާޑުކިޔުންތަކެއް އަމާޒުވި އެއް ބައިވެރިއަކަށް އަޒްލީމާ ވާނެ އެވެ. ޖަޖް ކުޑަ އިއްބެގެ "ފެވަރިޓް" އަކަށް އަޒްލީމާ ވުމުން، އަނގަ ނުހުޅުވައި ނޯށުން ކިޔާ ލަވަތަކަށް ވެސް ހިތްގައިމު ކޮމެންޓް ޖަޖުންގެ ފަރާތުން ލިބޭ ކަމުގެ ޝަކުވާއަކީ ފާޑުކިޔުންތެރިން އަޒްލީމާއާ ވިއްދައިގެން ކިޔާ އެންމެ ދިގު އަންބާ އެވެ. އެ އަޑުތައް އަޒްލީމާގެ ކަންފަތަށް ވެސް މިހާރަކު އަލެއް ނޫނެވެ. އެކަމަކު އެއީ އަޒްލީމާ ދެރަވެ މާޔޫސްވާ ސަބަބެއް ނޫނެވެ. ފާޑުކިޔާ މީހުންގެ ފާޑުންވެސް ރަނގަޅު ބަދަލެއް އަހުލާގަށާއި ލަވަ ކިޔުމުގެ ވައްޓާފާޅިއަށް ގެނެވިދާނެ ކަމަށް އަޒްލީމާ ގަބޫލުކުރެ އެވެ.
"ފާޑު ކިޔާނެ އެންމެންވެސް. ހުރިހާ އެންމެ ލައިކް ވާނެ އެއްވެސް މީހަކު ނުހުންނާނެ އެއްވެސް ތަނެއްގަ. އަޅުގަނޑު ވަރަށް މަސައްކަތް ކުރަން ކޮންމެ އެޕިސޯޑެއްގަ ވެސް އަޅުގަނޑުގެ ބެސްޓް ދޭން. އެކަމަކު ފަހުން ފަހުން އައިސް ޖަޖުންވެސް ޑިސްއަޕޮއިން ކޮށްލެވޭ. އެކަމަކު އެއީ އެނގިގެން އަޅުގަނޑަށް ކުރެވޭ ކުށްތަކެއް ނޫން،" ހިނިތުންވުމަކާއެކު އަޒްލީމާ ބުނެލި އެވެ.
އުމުރުން އަދި އެންމެ 19 އަހަރުގެ އަޒްލީމާ އަކީ މީގެ ކުރިން ލަވަ ކިޔުމުގެ ދާއިރާއިން މާގިނަ ފުރުސަތުތަކެއް ލިބުނު ޒުވާނެއް ނޫނެވެ. ނަމަވެސް މިހާރު އަޒްލީމާ ބޭނުންވަނީ ދިވެހި ލަވައިގެ ދާއިރާގައި އެންމެ އުހަށް ވާސިލުވާށެވެ. މޯލްޑިވިއަން އައިޑޮލް އިން، ހާއްސަކޮށް އެ ޝޯގެ ތެރެއިން މެންޓާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ފަރާތުން ލިބުނު ތަމްރީނަކީ އޭނާއަށް ލަވަކިޔުމުގެ ދާއިރާގެ އެންމެ އުސް ކުރިބޯއްޓާއި ހަމަޔަށް ވާސިލުވުމަށް
އެހީވެދޭނެ ކަމެއް ކަމުގައި އަޒްލީމާ ދެކެއެވެ.
"އޮޑިޝަނުން ފެށިގެން މިހާތަނަށް މޯލްޑިވިއަން އައިޑޮލްގެ ދަތުރަކީ އަޅުގަނޑަށް އުފާވެރި ދުވަސްތަކެއް. ވަރަށް ބޮޑަށް އަޅުގަނޑުގެ ކިޔުން ރަނގަޅުވެއްޖެ. ކުރިއާ ބަލާ ވަރަށް ބޮޑަށް ސެލްފް ކޮންފިޑެންސް ވަރުގަދަ ކުރެވިއްޖެ. ވަރަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. ޖަޖުންވެސް އަދި ހާއްސަކޮށް އަޅުގަނޑުމެންގެ މެންޓާ އަށް ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން ބޭނުން، ހަމަ އެހެންމެ ދެ ގޮތެއް ނުވެ އަޅުގަނޑާ އެކީ ގައި އޮންނަ އަޅުގަނޑުގެ އާއިލާ ވެސް. އަދި ސަޕޯޓަރުން ނަށް ވެސް،" އަޒްލީމާ ބުންޏެވެ.
އަވަސް އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައިވެސް އަޒްލީމާ ވަނީ އޭނާގެ އަމިއްލަ މިއުޒިކް އަލްބަމެއް ނެރޭނެ ކަމަށް ބުނެފަ އެވެ. ރޭ ވެސް އަޒްލީމާގެ ކުރު ޖަވާބުތަކުގައި އެވާހަކަ ތަކުރާރުކޮށްލި އެވެ. އައިޑޮލްގެ ސްޓޭޖުން އަޒްލީމާގެ އަޑު ކެނޑުނަސް ލަވަ އަލްބަމަކާ އެކު ބެލުންތެރިންނާއި އެހުންތެރިންގެ ކަންފަތްތަކާ ހަމަޔަށް ވަރަށް އަވަހަށް އަންނަން މަސައްކަތް ކުރާނެ ކަމަށް އަޒްލީމާ ބުންޏެވެ.
"ކުރިންވެސް އަޅުގަނޑު ބުނި ގޮތަށް މި މުބާރާތުން ކެޓިޔަސް ނުކެޓިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ލަވަތައް އަޑުއިވޭނެ. ވަރަށް މަސައްކަތްކުރާނަން އަޅުގަނޑުގެ އަމިއްލަ އަލްބަމެއް ނެރެން ވެސް،" އަޒްލީމާ ބުންޏެވެ.
އެހެންވީމާ ކުރިއަށް އޮތްތަނުގައި މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން އަޒްލީމާގެ ފަޅުކަން ފެނުނަސް އެކަމާ ދެރަ ނުވާށެވެ. އަޒްލީމާގެ ރީތި ލަވަތަކެއް ވަރަށް އަވަހަށް ފެންނާނެ ކަމަށް އުންމީދުކުރާށެވެ.