ބޮލީވުޑް

އިހްސާންތެރިވުމުގެ ގޮތުން ދެން ފިލްމެއް ނުކުޅޭނަން: ސަންޖޭ ދަތު

Mar 20, 2016

ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު ޖަލުން މިނިވަންވެ، އަންނަނީ އަލުން ފިލްމު ކުޅެން ތައްޔާރުވަމުންނެވެ.

އެނބުރު ފިލްމީ ދުނިޔެއަށް ނިކުންނަން ސަންޖޭ ތައްޔާރުވަމުން އަންނައިރު ދެން އެއްވެސް މީހަކަށް އިހްސާންތެރިވުމުގެ ގޮތުން ފިލްމު ނުކުޅޭނެ ކަމަށާއި ދެން ފިލްމަކަށް ސޮއިކުރުމުގައި ބަލާނީ ހަމައެކަނި އެފިލްމެއްގެ މޮޅުކަމަށް ކަމަށް ބުނެފި އެވެ.

ސަންޖޭ ވަނީ މިހާރު ހިންދީ ފިލްމު އިންޑަސްޓްރީގައި އުފައްދަމުން އަންނަ ފިލްމުތައް ބަދަލުކުރަން އޭނާ ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

"މިހާރު ފެށިގެން އަހަރެން ބޭނުން ސިނަމާ އަށް ބޮޑު ބަދަލެއް ގެންނަން. ފިލްމުތަކުގެ ސްޓައިލަށް ވެސް ބަދަލެއް ގެންނަން" ސަންޖޭ ބުންޏެވެ.

އިތުރަށް ސަންޖޭ ވަނީ އޭނާ ކުޅެން ތިން ފިލްމެއް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ސިދާތް އަނަންދްގެ ފިލްމަކާއި ވިންދޫ ވިނޯދު ޗޯޕްޅާގެ ފިލްމަކާއި "މުންނާބާއީ" ސިލްސިލާގެ ތިންވަނަ ފިލްމު ކަމަށެވެ.

މިތިން ފިލްމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސަންޖޭ ވަނީ ސިދާތްގެ ފިލްމުގައި އޭނާ ފެނިގެންދާނީ އުމުރުން ދުވަސްވީ އެކްޝަން ހީރޯއެއްގެ ރޯލުން ކަމަށެވެ. އަދި ވިންދޫގެ ފިލްމަކީ ބައްޕަ އަކާ އަންހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުން ފެނިގެންދާނެ ފިލްމެކެވެ. "މުންނާބާއީ"ގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ސަންޖޭ ބުންޏެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އަންނަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަންޖޭ ވަނީ އޭނާގެ ހަޔާތުގެ ހުރިހާ ވާހަކައެއް ދެގަޑިއިރުގެ ފިލްމަކަށް ހިރާނީ ފައްތާނެ ގޮތެއް ހަމައެއް ގޮތަކަށްވެސް ނޭނގޭ ކަމަށް ބުނެފަ އެވެ.

ޖަލުން މިނިވަންވި ފަހުން ސަންޖޭ އަންނަނީ އަންހެނުން މާންޔަތާ އާއި ދެކުދިން ކަމަށްވާ އިގްރާ އާއި ޝަހްރާން އާއެކު ގިނަ ވަގުތު ހޭދަކުރަމުންނެވެ.