ބޮލީވުޑް

އައިޝްވާރިޔާގެ ދަރިފުޅު އޭނާ ރޮއްވާލި ގޮތް މިއޮތީ!

Mar 21, 2016

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު އަރާދިޔާ ބައްޗަން އެމީހުން ގެންގުޅެނީ ވަރަށް ލޯބިން ކަން އެނގެ އެވެ.

އެގޮތުން ފިލްމުތަކުގެ ޝޫޓިންގައި އުޅެމުންވެސް ދަރިފުޅު ސްކޫލަށް ގެންގޮސް ގެއަށް ގެނައުން ފަދަ ކަންތައްތައް ކުރަނީ އައިޝްވާރިޔާ އަމިއްލަ އަށެވެ. އައިޝްވާރިޔާގެ މިފަދަ ހުރިހާ ހަރަކާތަކުން ވެސް އޭނާ އަރާދިޔާ އަށް ދޭ ސަމާލުކަން އެނގިގެންދެ އެވެ.

ނަމަވެސް މިފަހަރު ހަތަރު އަހަރުގެ އަރާދިޔާ ވަނީ މަންމަ އައިޝްވާރިޔާ ރޮއްވާލާފަ އެވެ.

ނޫސްތަކުގައިވާ ގޮތުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުން ފެށިގެން އައިޝްވާރިޔާ އުޅެނީ ވަރަށް ބަލިކޮށެވެ. ވައިރަލް ހުމެއް ޖެހި، ކަރުތެރޭގައި އިންފެކްޝަނެއް އުފެދި މިހާރު ކުޅެމުން އަންނަ ފިލްމު "ސަރަބްޖީތް"ގެ ޝޫޓިން ވެސް ބަލި ރަނގަޅު ވަން ދެން ވަނީ މަޑުޖައްސާލާފަ އެވެ. އެކަމަކު ބަލިވެ އުޅެމުން ވެސް އައިޝްވާރިޔާ ވަނީ ދަރިފުޅު ސްކޫލަށް ގޮވައިގެންނާއި ބަލައި ވެސް ގޮސްފަ އެވެ.

މަންމަ ބަލިވެ އުޅޭކަން ކުޑަ އަރާދިޔާއަށް އެނގުމުން ވަނީ ސްކޫލުގައި ގެޓް ވެލް ސޫން ކާޑެއް ތައްޔާރުކުރުމަށްފަހު އައިޝްވާރިޔާ އޭނާ ބަލައި މިދިޔަ ބުރާސްފަތި ދުވަހު ސްކޫލް ދޮށަށް ދިއުުމުން އެ ކާޑު ދީފަ އެވެ. އަރާދިޔާ އައިޝްވާރިޔާގެ އަތަށް ކާޑު ދިނުމުން އުފަލުން ގޮސް ރޮވުނު ކަމަށް އަރާދިޔާގެ ބައެއް ކްލާސް ކުދިންގެ ބެލެނިވެރިން ބުނެފައިވާ ކަމަށްވެ އެވެ.

ވަކިން ހާއްސަކޮށް އައިޝްވާރިޔާ އަރާދިޔާއާ މެދު ހާއްސަ ސަމާލުކަމެއް ބަހައްޓާކަން އެނގެ އެވެ. ސަބަބަކީ އަރާދިޔާ ލިބުނު ފަހުން ދަރިފުޅާ އެކު ވަގުތު ހޭދަކުން ބޭނުންވާތީ ވަނީ ފިލްމު ކުޅުމާއި ދުރުގައި ހުރެފަ އެވެ. އަދި ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އައިޝްވާރިޔާ މިދިޔަ އަހަރު ފިލްމު ކުޅެން ފަށާފައިވާއިރު، ފިލްމުގެ ޝޫޓިންތައް އައިޝްވާރިޔާ ކުރިއަށް ގެންދަނީ ދަރިފުޅުގެ ކަންތައްތަކަށް ބުރޫނާރާނެ ގޮތަކަށެވެ.

ގިނަފަހަރު ތަކުގައި އައިޝްވާރިޔާ ފިލްމުތަކުގެ ޝޫޓިން އަށާއި އެހެނިހެން ވެސް ޝޫޓިން ތަކަށް ދަނީ އަރާދިޔާ ގޮވައިގެންނެވެ. އަދި އޭނާ ޝޫޓިންތަކުގެ ގަޑި ހަމަޖައްސަނީ އަރާދިޔާއަށް ފަސޭހަ ގަޑިތަކުގައި ކަމަށް ވަނީ ބުނެފަ އެވެ.