މޯލްޑިވިއަން އައިޑޮލް

ގަދަ 10 ބައިވެރިންގެ ހުނަރު ކުރިއަރުވަން ޕީއެސްއެމް އެއްބަސްވެއްޖެ

މޯލްޑިވިއަން އައިޑަލްގެ ގަދަ 10 ގައި ހިމެނޭ ބައިވެރިންގެ ހުނަރުތައް ދެ އަހަރުގެ މުއްދަތަކަށް ޕްރޮމޯޓް ކުރަން ޕީއެސްއެމް އިން އެއްބަސްވެއްޖެ އެވެ.

ޓީވީއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްއާއި ގަދަ 10 ގައި ހިމެނޭ ބައިވެރިން މެދުގައި އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ޕީއެސްއެމް ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝާޔަން ވިދާޅުވީ ރާއްޖޭގައި ޝޯ ކުރިޔަށް ގެންދަނީ މޯލްޑިވިއަން އައިޑޮލްގެ އިންޓަނޭޝަނަލް ސްޓޭންޑަޑްގައި ކަމަށްވާއިރު އެހެން ގައުމުތަކުގައި ވެސް އައިޑަލްގައި ގަދަ 10 ނުވަަތަ ގަދަ 16 ބައިވެރިންގެ ހުނަރު ދިރުވުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ޕީއެސްއެމްއިން ވެސް ޝޯއިން ކަޓައިގެންދާ ކުދިން ދޫ ނުކޮށްލައި އިތުރު ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް އެހީތެރިވާނެ ކަމަށާއި އެއްބަސްވުމެއް ހެދީ އެހެންވެގެން ކަމަށެވެ.

ޝަޔާން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ގަދަ 10 ގައި ހިމެނޭ ބައިވެރިންނަށް ބައެއް ކަހަލަ ތަމްރީންތައް ދީ، ޝޯތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ ޓެލެންޓު ކުރިއެރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ޒިންމާތައް ދެއަހަރު ދުވަހުގެ މުއްދަތަކަށް ޕީއެސްއެމް އިން ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ޓޮޕް ޓެން އަކީ އެޗީވާސް. އެކަމަކު އައިޑަލްގެ ލަގަބު ގެންދާނީ ކޮންމެވެސް އެއް ކުއްޖަކު. އަދި ދެން ތިބި ކުދިން ޝޯ ދޫކޮށްދާނެ ނަމަވެސް ދެއަހަރު ދުވަހަށް އެކުދިންގެ ޓެލެންޓު އިތުރަށް ރަނގަޅު ކުރުވުމުގައި ޕީއެސްއެމް އިން ކުރާ ކަމެއް،" ޝަޔާން ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ 10 ގައި ހިމެނޭ ބައިވެރިންގެ ތެރެއިން މިހާރު ވަނީ ދެ ބައިވެރިއަކު ކަޓާފަ އެވެ.