އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރަސްމީ ދަތުރުފުޅެއްގައި ކިއުބާއަށް ވަޑައިގަންނަވައިފި އެވެ. މިއީ ފާއިތުވެދިޔަ 88 އަހަރު ތެރޭ އެމެރިކާގެ ރައީސަކު ކިއުބާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ. އދި މިއީ ތާރީހުގައި އެމެރިކާގެ ރައީސަކު ކިއުބާއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.
އެމެރިކާގެ ރައީސަކު ކިއުބާއަށް އެންމެ ފަހުން ދަތުރުފުޅެއް ކުރައްވާފައިވަނީ 1928 ވަނަ އަހަރެވެ. އެއީ އޭރުގެ ރައީސް ހެރީ ޓްރޫމަންގެ ވެރިކަމުގަ އެވެ.
އެމެރިކާ އިން ކިއުބާއާ ދެކޮޅަށް ވިޔަފާރީގެ ދާއިރާ އިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް 1960 ވަނަ އަހަރުން ފެށިގެން އަޅާފައިވި ނަމަވެސް ދެގައުމު ދެމެދުގެ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރަން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އެއްބަސްވެފަ އެވެ. އެމެރިކާއިން ވަނީ 54 އަހަރުވީ މި ފިޔަވަޅުތައް އުވާލާފަ އެވެ.
ދެ ދުވަހުގެ މިދަތުރާ ބެހޭގޮތުން އޮބާމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގައި ކިއުބާގެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅުގައި އަނބިކަނބަލުން މިޝެލް އޮބާމާ އާއި ދެބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ކިއުބާއިން އޮބާމާއަށް މަރުހަބާ ވިދާޅުވީ ކިއުބާގެ ޚާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒް އެވެ. ކިއުބާ އަށް ވަޑައިގެންނެވިތާ ދެ ގަޑިއިރު ތެރޭ އޮބާމާ ވަނީ އެމެރިކާ އެމްބަސީގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ދަތުރުފުޅަށްފަހު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ އެވެ. މި ދަތުރުފުޅުގައި އޮބާމާ ކިއުބާގެ ރައީސް ރައުލް ކާސްޓްރޯއާ ބައްދަލު ކުރައްވާ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި އެ ގައުމުގެ ސިވިލް ސޮސައިޓީގެ މެމްބަރުންނާއި، ވިޔަފާރިވެރިން އަދި ހުރިހާ ދާއިރާތަކެއްގެ އިސްވެރިންނާއި ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން އޮބަމާވަނީ ކިއުބާގެ ސިޔާސީ ބޭފުޅުންނާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.
އޮބާމާގެ ދަތުރުފުޅާއި ބެހޭގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ މާކޯ ރޫބިއޯ އަދި ޓެޑް ކްރޫޒް ވިދާޅުވީ މިއީ އޮބާމާ ހައްދަވާ ގޯހެއް ކަމަށެވެ. އަދި މިއީ ކިއުބާގެ ކިބައިން ބާރުގަދަ އެމެރިކާ މާފަށް އެދުން ކަހަލަ ކަމެއް ކަމަށް ވެސް އެބޭފުޅުން ސިފަ ކުރައްވަ އެވެ.