ހަބަރު

ފިރުނބައިދޫން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ: ޕޮލިސް

Jan 29, 2015

ށ. ފިރުނބައިދޫން ގެއްލުނު، އެ އަތޮޅު ކުޑަހުވަދޫ އަށާއި ޅައިމަގަށް ނިސްބަތްވާ އަބްދުﷲ މާއީލް އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 24 އަހަރުގެ މާއީލް ގެއްލިފައި ވަނީ އޭނާ މަސައްކަތުދާ، ފިރުނބައިދޫން މިދިއަ ބުދަ ދުވަހު ހަވީރު 5:30 ގައެވެ.

ގެއްލިފައިވާ މާއީލް އަކީ ކުޑަހުވަދޫގައި ރަޖިސްޓްރީ އޮންނަ ނަމަވެސް ފަހަކަށް އައިސް އޭނާގެ މަންމަ ރަށް ކަމަށްވާ ޅައިމަގުގައި ދިރިއުޅެމުން އައި ޒުވާނެކެވެ. އޭނާ ގެއްލިފައިވަނީ ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅުރަށެއްގެ ގޮތުގައި އޮންނަ ދަނޑުވެރިކަން ކުރާ ފިރުނބައިދޫއަށް ވަޒީފާއަށްދިޔަތާ ތިން ވަނަ ދުވަހު އެވެ.

ޅ. މަގު ކައުންސިލުން ބުނީ މިދިއަ އަހަރުގެ ފަހުކޮޅުން ފެށިގެން މާއިލް މުޅެން ވެސް އުޅެމުން އައީ ޅައިމަގުގައި ކަމަށައި އެ ރަށަށް ބަދަލުވީ އިންޑިޔާގެ ބެންގަލޫރުގައި ކިޔަވާ ނިމިގެން އައި ގޮތަށް ކަމަށެވެ.

"ކުޑަހުވަދޫން ކިޔަވާ ނިމިގެން އޭނާ ދިޔައީ އިންޑިޔާއަށް އިންޑިޔާއިން އޭނާ ކިޔެވީ ސިއްހީ ދާއިރާއިން. އޭގެ ފަހުން އެނބުރި އައިސް މިރަށުގައި އުޅެމުން އައީ،" ޅައިމަގު ކަންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.

މާއީލް ގެއްލުނު ފިރުނބައިދޫގައި އޭނާއާއެކު ތިބެނީ ދެމީހުނެވެ. އެރަށުގައި ދެން ހުންނަ މީހާއާ ހަވާލާދީ ޅައިމަގު މީހުން ބުނަނީ މާއީލް އެދުވަހު ރަށަށް ދާންވެގެން ދަބަހާއި ފައިވާން ވެސް ފިރުބައިދޫ އަތިރިމައްޗަށް ގެންދިޔަ ކަމަށައި ނަމަވެސް ފަހުން އެއްގަމަށް އެރިފަހުން ނުފެންނަނީ ކަމަށެވެ.

މާއިީލް ގެއްލުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ގަމީހަކާއި މުށި ކުލައިގެ ޖީންސެކެވެ. ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ކުރު، މެދުމިނެއްގެ އިސްކޮޅެއް ހުންނަ މާއިލް ފެނެތޯ ޅައިމަގު ރައްޔިތުން ވެސް އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުގެ މީހުން ވެސް އަންނަނީ ބަލަމުންނެވެ.

އޭނާގެ ގެއްްލިގެން ހޯދާއިރު މިދިއަ އަހަރުގެ އޯގަސްޓް މަހު ގެއްލުނު އަހުމަދު ރިލްވާން އަދިވެސް ނުފެނެ އެވެ. އަދި އޭގެ ފަހުން ކ. ގުރައިދޫ މަރުކަޒުން ގެއްލުނު މީހަކުވެސް އަދި ފެނިފައެއްނުވެއެވެ.