ބޮލީވުޑް

"ޝުއްދީ"ގެ މަސައްކަތް މަޑުޖައްސާލައިފި

Mar 21, 2016

ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އުފެެއްދުމަށް ހަމަޖެހިފައިވާ އެންމެ އުންމީދީ ފިލްމު "ޝުއްދީ" އުފެއްދުން މަޑުޖައްސާލާފައިވާ ކަމަށް އެފިލްމުގެ ލީޑްތަރި ވަރުން ދަވަން ބުނެފި އެވެ.

"ޝުއްދީ" އުފެއްދުން މަޑުޖައްސާލި ނަމަވެސް، ވަރުން ވަނީ އޭނާ ވަރަށް އަވަހަށް ކަރަން އުފައްދާ އެހެން ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.

"ޝުއްދީ އުފައްދުން މަޑުޖައްސާލާފަ ވަނީ. އެކަމަކުވެސް އަހަރެން ދަރްމާ ޕްރޮޑަކްޝަން އާއެކު އާފިލްމެއް އެބަ ކުޅެން،" ވަރުން ބުނެފައިވެ އެވެ.

މިފިލްމަކީ ކަރަން ޕްރޮޑިއުސްކޮށް، ކަރަން މަލްހޯތުރާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމުގައި ވަރުން އާއެކު ފެނިގެންދާނީ ބަތަލާ އާލިއާ ބަޓް އެވެ.

ވަރުން ވަނީ އޭނާ ދެން ކުޅޭ ކަރަންގެ ފިލްމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށާއި މި ވަގުތު އެފިލްމުގެ އެއްވެސް ވާހަކައެއް އޭނާއަށް ދެއްކެން ނެތް ކަމަށް ބުނެފަ އެވެ. ބުނެވޭ ގޮތުގައި ވަރުން ކުޅުމަށް ހަމަޖެހިފައިވަނީ ކަރަންގެ "ހަމްޓީ ޝަރްމާކީ ދުލްހަނިޔާ" ގެ ސީކުއަލް "ބަޑްރިނާތް ކީ ދުލްހަނިޔާ" އެވެ. މިފިލްމުގައި ވެސް ވަރުން އާއެކު ފެނިގެންދާނީ ކުރީ ފިލްމުގެ ބަތަލާ އާލިއާ ބަޓް އެވެ.

ކަރަންގެ ފިލްމުގެ އިތިރުން ވަރުން އޭނާގެ ބައްޕަ ޑައިރެކްޓްކުރާ "ޖުޅްވާ 2" އިން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ 1997ގައި ނިކުތް ސަލްމާން ޚާން ލީޑްރޯލު ކުޅެފައިވާ ކޮމްޑީ ފިލްމު "ޖުޅްވާ"ގެ ދެވަނަ ބަ އެވެ.

ވަރުން ދެން އެންމެ އަވަހަށް ރިލީޒްވާނީ އޭނާގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓް ކޮށްފައިވާ "ޑިޝޫމް" އިންނެވެ. މިފިލްމުގައި ވަރުން އާއެކު ޖޯން އަބްރަހަމްއާ ޖެކުއަލީން ފާނެންޑޭޒް ފެނިގެންދާނެ އެވެ.