ބޮލީވުޑް

"ކަޕޫރް އެންޑް ސަންސް" އަށް ބޮޑު ތަރުހީބެއް

Mar 21, 2016

ޒުވާން ތިން ތަރިން ކަމަށްވާ އާލިއާ ބަޓް، ސިދާތް މަލްހޯތުރާ އާއި ފަވާދް ޚާން މުހިންމު ރޯލުން ފެނިގެންދާ ފިލްމު "ކަޕޫރް އެންޑް ސަންސް" ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ހަފްތާ ބަންދުގައި ވަނީ 26.35 ކްރޯޑް ލިބިފަ އެވެ.

ތިން ދުވަހުގެ ތެރޭގައި މި ފިލްމަށް ލިބުނު އާމްދަނީ ހިއްސާ ކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ އާދިއްތަ ދުވަހު ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށާއި މި ހަފްތާގެ ކުރިއަށް ހުރި ދުވަސްތަކުގައިވެސް ފިލްމު ރަނގަޅަށް ހިނގަންޖެހޭ ކަމަށެވެ.

ވޭތުވެދިޔަ ތިން ދުވަހު މިފިލްމަށް ލިބުނު ވަރުގެ ތަރުހީބު ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭ ނަމަ، މިހަފްތާގެ ތެރޭގައި މިފިލްމަށް ކުރި ހަރަދު ފޫބެދި ފައިދާން ވާނެ ފަށާނެ އެވެ.

"ކަޕޫރް އެންޑް ސަންސް" އުފައްދާފައިވަނީ 35 ކްރޯޑުގެ ބަޖެޓަކުންނެވެ. މިފިލްމަށް ލިބެމުންދާ ތަރުހީބަށް ބަލާއިރު، މިހަފްތާގެ ތެރޭގައި 50 ކްރޯޑް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން، ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އަކްޝޭ ކުމާރުގެ "އެއާލިފްޓް" އަށެވެ. އެ ފިލްމަށް ވަނީ ތިން ދުވަހުގެ ތެރޭގައި 44 ކްރޯޑް ލިބިފަ އެވެ. ދެ ވަނައިގައި މި ފިލްމު އޮތް އިރު، ތިންވަނައިގައި އުޅެނީ ސަނީ ޑިއޯލްގެ "ގާޔަލް ވަންސް އެގެއިން" އެވެ.

މިފިލްމަކީ ހަމަނުޖެހުން ބޮޑު އާއިލާއެއްގެ ތެރޭގައި ދިމާވާ ހާދިސާތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދި މިފިލްމުގައި އާއިލާގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަތައް ހައްލުކޮށް އެއާއިލާ އެކަތި ގަނޑަށް ވުމަށް ކުރާ މަސައްކަތްވެސް ފެނިގެންދެ އެވެ. މިފިލްމަކީ ހިތްތަށް އަސަރުކުރުވާނެ ހުރިހާ ރަހައެއް ހިމެނިގެންވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

މިފިލްމު ރިލީޒްކުރުމާއެކު ފިލްމު ކްރިޓިކްސް އިން އަންނަނީ ފިލްމަށް ތައުރީފުކުރަމުންނެވެ. އެގޮތުން ފިލްމުގެ އެންމެ މުހިންމު ތިން ތަރިން ކަމަށްވާ އާލިއާ އާއި ސިދާތްގެ އެކްޓިން ވެސް ވަރަށް މޮޅު ކަމަށް ބުނެފައިވާއިރު، ފަވަދްގެ އެކްޓިން އާދަޔާ ހިލާފަށް މޮޅު ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ފިލްމުގެ ތަރިންގެ އިތުރުން ވެސް ކްރިޓިކްސް އިން ވަނީ ފިލްމުގެ ޑައިރެކްޓަރު ޝަކުން ބަޓްރާގެ ޑައިރެކްޝަންގެ މޮޅު ކަމަށްވެސް ތައުރީފުކޮށްފަ އެވެ. އަދި މިފިލްމަކީ މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމު ކަމަށް ވެސް ބުނެފަ އެވެ.

ސިދާތް އާއި ފަވަދް މިފިލްމުގައި ފެނިގެންދަނީ ދެބެއިންގެ ރޯލުންނެވެ. އާލިއާ ފަވަދް ދެކެ ލޯބިވާއިރު، ސިދާތް އަށް އާލިއާ ދެކެ ލޯބިވެވެ އެވެ.

އާލިއާގެ އެންމެފަހުން ނިކުމެފައިވާ ފިލްމު "ޝާންދާރް" ފްލޮޕްވެފައިވާތީ މިފިލްމު ކާމިޔާބުވުން އޭނާގެ ކެރިއަރަށް ވަރަށް މުހިންމެވެ.