ހަބަރު

ރާވާލެވޭ ޕޮލިސް ސްޓޭޝަން ހޯދަން ހޯމް މިނިސްޓަރު ޗައިނާގައި

Jan 29, 2015

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިމާރާތުގެ ކަންކަން އަވަހަށް އަދި ހަރަދު ކުޑަކޮށް ހަމަޖެއްސުމަށް، ރާވާލެވޭ އިމާރާތްތައް ބަލައި ދިރާސާކުރެއްވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޗައިނާ އަށް ވަޑައިގެންފި އެވެ.

ހޯމް މިނިސްޓަރު ޗައިނާ އަށް ވަޑައިގެންފައި ވަނީ އެ މަނިކުފާނުގެ ގްރެޖުއޭޝަން ހަފުލާ އަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ފަހުގަ އެވެ. ރާވާ ގެ ނުވަތަ ޕްރިފެބް ހައުސް ބޭނުންކޮށްގެން ޕޮލިސް ސްޓޭޝަންތައް ގާއިމުކުރަން ހިނގާނެ ހަރަދާއި އެފަދަ ގެތައް ފުލުހުންގެ ހިދުމަތަށް އެކަށީގެންވާ ގޮތަށް ހެދުމާ ބެހޭ ގޮތުން މިނިސްޓަރު ވަނީ މައުލޫމާތު ހޯއްދަވާފައި ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާގެ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަހުގެ 25 އިން 30 އަށް ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި، ޕްރި ފެބް ހައުސް ހަދާ ތިން ފެކްޓަރީ އަކަށް މިނިސްޓަރު ޒިޔާރަތް ކުރެއްވި ކަމަށެވެ. މިނިސްޓަރުގެ އަރިހުގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ސޯދިގާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލް ވެސް ޗައިނާ އަށް ވަޑައިގެންފައިވެ އެވެ.

"ޕްރި ފެބް ހައުސްގެ މައުލޫމާތު ހޯއްދެވުމުގެ އިތުރުން މިނިސްޓަރު ވަނީ ފުުލުހުންނާއި ޕްރިޒަންސްގެ މުވައްޒަފުންނަށް ބޭނުންވާ ސާމާނު ހޯއްދެވުމަށް ވެސް ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވާފައި،" ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާ ގެ ބޭނުންކޮށްގެން ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާ މެދު އެންމެ ފަހުގެ ނިންމުމެއް ނިންމަވާނީ މިހާރު ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރު ހޯއްދަވާ މައުލޫމާތަށް ފަހުގައި ކަމަށެވެ.