ފްލެޓް މައްސަލަ

ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން ވެރިފައިކުރަނީ

ކުރީ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު އިމާރާތް ކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން ވެރިފައިކުރަން ނިންމައިފި އެވެ.

އެ ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ނިންމިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލުމަށްފަހު އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް އެ މިނިސްޓްރީގެ ޕޯޓްފޯލިއޯ ބަދަލުކުރިފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު މުއްތަލިބް ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސް ކުރަނީ ނޮވެމްބަރު 15، 2023 ގައި އާންމުކުރި ލިސްޓު ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ ފްލެޓަށް އެދިފައިވާ ފޯމު ލައިފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023 ގައި ގެޒެޓްކޮށްފައިވާ ލިސްޓް ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް،" މުއްތަލިބް ވިދާޅުވި އެވެ.

މި ޕްރޮސެސް ކުރިއަށް ގެންދިއުމުގައި އޭރު އެޕްލިކޭޝަން ހުށަހެޅި ޕޯޓަލްގައިވާ އިރުޝާދުތަކަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައިވާ ލިޔުންތަކަކީ ފޯމުތައް އިވެލުއޭޓްކުރުމުގައި ބަލާނެ ލިޔުންތައް ކަމަށް ވިދާޅުވި އެވެ.

މީގެ ތެރޭގައި ފާއިތުވި މާލޭގައި ވަޒީފާ އަދާކުރިކަމުގެ ލިޔުންތަކާއި މާލޭގައި ކިޔެވިކަމުގެ ލިޔުންތައް ހިމެނުނު ނަމަވެސް ފްލެޓަށް އެދުނު ބައެއް މީހުން އެ މިންގަނޑަށް ނުފެތޭ ލިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެފަދަ ލިޔުންތައް ބަލައިގަންނަން ނުފެންނަ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުންވެސް ވަނީ ލަފާ ދީފަ،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ޕޯޓަލްގައި ނުހިމެނޭ ލިޔުންތައް ގާނޫނީ ގޮތުން ބަލައި ނުގަނެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ފްލެޓް ލިސްޓާ ގުޅޭ ގޮތުން އޭސީސީ އިން ކުރި ތަހުގީގުގައި މާލޭގައި މެދުނުކެނޑި އުޅޭ މުއްދަތު ބެލުމުގައި އެއް ހަމައެއް ގެންގުޅެފައިނުވާކަން ފާހަގަކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެދުކެނޑުން ވަރަށް ހަރުކަށިކޮށް މާނަކޮށްފިނަމަ ގިނަ ބައެއްގެ ޝަރުތު ހަމަނުވާނެ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

"މިސާލަކަށް އޭލެވެލް ނިންމާ ކުއްޖަކު ވަޒީފާއާ ދޭތެރޭ އެއް މަހުގެ ބްރޭކެއް އައި ނަމަވެސް ވާނީ ޝަރުތު ހަމަނުވާ ކަމަށް،" މުއްތަލިބް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ތައުލީމު ހާސިލުކުރަން ރާއްޖެއިން ބޭރަށްދާ މީހުންނާއި ވަޒީފާގެ ގޮތުން މާލެއިން ބޭރުގައި ނުވަތަ ރާއްޖެއިން ބޭރަށްދާން ޖެހޭ މީހުންގެ އިތުރުން ބޮޑު ބައްޔެއްގައި ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ ޝަރުތު ހަމަނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންދާއިރު އަޅުގަނޑުމެން ކަނޑައަޅާފައިވާނީ މާލޭގައި ދިރިއުޅުނުކަމުގެ މުއްދަތަށް މެދުކެނޑުމެއް އައި ކަމަށް އެއް އަހަރަށްވުރެ ދިގު މެދުކެނޑުމެއް އައުމުން،" މުއްތަލިބް ވިދާޅުވި އެވެ.

މީގެ އިތުރުން ތިން ހާލަތެއްގައި މެދުކެނޑުން އިސްތިސްނާވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މެދުކެނޑުން އިސްތިސްނާވާ ހާލަތްތައް

  • މާލޭގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ވަކި މުއްދަތަކަށް މާލެއިން ބޭރުގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތު
  • މަތީ ތައުލީމު ހާސިލުކުރުމަށް މާލެއިން ނުވަތަ ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވާ މުއްދަތު
  • މާލޭގައި އާއިލާ ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތު

މިކަންކަމަށް ރިއާޔަތްކުރަނީ ވެރިފައިކުރެވޭ ސަބަބަކާހުރެ މުއްދަތު ނުގުނާނަމަ ބައެއްގެ ހައްލު ގެއްލިދާނެތީ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

މި 4،000 ފޯމު އިވެލުއޭޓް ކުރުމަށްފަހު ގެޒެޓްކުރާނީ ފޯމުގައި މައްސަލައެއް ހުރިނަމަ އެމައްސަލަ އެނގޭ ގޮތަށް ކަމަށާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ފޯމުލީ ފަރާތްތަކުގެ ރި އިވެލުއޭޝަނެއް ނޫން. އަޅުގަނޑުމެން 20،000 ފޯމު އަލުން ރި އިވެލުއޭޓް ނުކުރާނަން. މިއީ ފްލެޓް ލިބޭނެ ކަމަށް 15 ނޮވެމްބަރު 2023 ގައި އިއުލާނު ކުރެވުނު ލިސްޓުގައިވާ 4،000 ފަރާތް ވެރިފައި ކުރުމަށް ކުރެވޭ މަސައްކަތެއް،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ރޯދަ މަސް އަންނަންވާއިރަށް ލިސްޓް އާންމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ލިސްޓު އާންމުކުރާއިރު ލިބުނު ޕޮއިންޓާޢި ފްލެޓަށް ހޮވުނުކަން ނުވަތަ ނުހޮވޭކަން ތަފުސީލާއެކު އެނގޭ ގޮތަށް ކަަމަށެވެ.