ރޭ ކުޅުނު މެޗުގައި ދެވަނަ ހާފުގެ އިތުރު ވަގުތުގައި ނޫނޭޒް ޖެހި ދެ ލަނޑާއެކު ލިވަޕޫލް އިން ބްރެންޓްފަޑް ބަލިކޮށްފި އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލުގައި އެއްވަނައިގައި އޮތް ލިވަޕޫލް، ގްޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުން 2-0 އިން ބްރެންޓްފަޑް އަތުން މޮޅުވެފައިވެ އެވެ.
މި މެޗުގެ ގިނަ ވަގުތުގައި ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އޮތް ނަމަވެސް ބަދަލުގައި އައި ކުޅުންތެރިޔާ ޑާވިން ނޫނޭޒް މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ލަނޑުން ލިވަޕޫލްއަށް ވަނީ ފުރިހަމަ 3 ޕޮއިންޓް ލިބިފަ އެވެ.
މި މޫސުމުގައި މިހާތަނަށް 21 މެޗު ކުޅެފައިވާ ލިވަޕޫލް މިހާރު ވަނީ 50 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފަ އެވެ. ބްރެންޓްފަޑް ވަނީ 28 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގަ އެވެ.