އިސްލާމިކް މިނިސްޓްރީ

ސައުދީ އިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ރޯދަ މަހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށާފައިވާ ކަމަށާއި މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އެ މިނިސްޓްރީން ކަމަށެވެ.

ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާއިރު ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓި މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ މީހާގެ އައިޑީ ކާޑަށް ބެލުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 1:00 އަށެވެ.

މީގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރޯދަ މަހު ރޯދަ ވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް ކަދުރު ދޭ ގޮތަށް ހަމަޖައްސާ އެކަމަށް ޝައުޤުވެރިވާ ޖަމްއިއްޔާ ޖަމާއަތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މިއަހަރު ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެ އެވެ. ކަދުރުތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ހަވާލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.