މެކޭނިކަލް ޕާކިން ސިސްޓަމް

އޮޓޮމޭޓިވް ޕާކިން ސިސްޓަމް ގާއިމް ކުރަން އެސްޓީއޯއަށް

މެކޭނިކަލް ނުވަތަ އޮޓޮމޭޓަޑް ޕާކިން ސިސްޓަމް ގާއިމް ކުރަން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާއި ހަވާލުކޮށްފި އެވެ. ހައުސިން މިނިސްޓްރީ އިން އެސްޓީއޯއާ މި މަސައްކަތް ހަވާލު ކުރީ އެ މިނިސްޓްރީގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ ފަރާތުން ސޮއި ކުރީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެސްޓީއޯ ފަރާތުން ސޮއި ކުރީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ މިމަސައްކަތަކީ މާލޭގައި ޕާކް ކުރުމަށް ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ކުރާ ކަމެއް ކަމަށާއި އެގޮތުން އޮޓަމޭޓަޑް ސިސްޓަމްތައް ރާއްޖެ ގެނެސް އެ އިންސްޓޯލް ކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޯށްފައިވާ ކަމަށެވެ. ނަމަވެސް އެސިސްޓަމްތައް ބަލަހައްޓާނީ ސަރުކާރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި އެންމެ ފުރަތަމަ ރާއްޖެ ގެންނާނީ ކާރު ޕާކު ކުރަން ހާއްސަ 10 ސިސްޓަމްއާއި ސައިކަލަށް ހާއްސަ 10 ސިސްޓަމް އެވެ. އަދި އެ ގާއިމް ކުރާނެ ތަންތަން ފަހުން ހާމަ ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ މާލޭގެ 10 ސަރަހައްދެއްގައި ޕާކިން މަލްޓި ސްޓޯރީ ޕާކިން ސިސްޓަމްތަކެއް ގާއިމް ކުރަން ބަޖެޓުގައި ވެސް ހިމަނާފައިވާނެ ކަމަށާއި އެގޮތުން ހުޅުމާލެ ޓާމިނަލްއާއި ވެލާނޭގެ ފަދަ މީހުން ބާރުބޮޑު ހިސާބުތަކުގައި އެ ސިސްޓަމްތައް ގާއިމް ކުރާނެ ކަމަށެވެ.