އެފްއޭއެމް

އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ޖަވާޒްގެ މައްޗަށްވެސް ދައުވާކުރަނީ

Jan 26, 2025

އެފްއޭއެމްގެ ބޮޑު ހިޔާނާތާއި ގުޅިގެން އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒުގެ މައްޗަށްވެސް ދައުވާކުރަން ނިންމާފައިވާކަން އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވީ މައްސަލައިގައި ޖަވާޒްގެ މައްޗަށް ދައުވާ ކުރަންވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންނަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް ޕީޖީ އޮފީހުން އެކަމުގައި އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.

ޖަވާޒު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ކަމުން އިސްތިއުފާ ދިން ފަހުން މި ސަރުކާރުން ވަނީ ޖަވާޒްއަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފަ އެވެ.

އެފްއޭއެމްއަށް، ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ކުށުގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ. އަދި އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވީ މައްސަލައިގައި އެ އިދާރާގެ ކުރީގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާކުރަންވެސް ފޮނުވާފައިވެ އެވެ. މީގެ އިތުރުން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ވަނީ ދައުވާ އުފުލާފަ އެވެ. އެކަމަކު މި ދައުވާތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވީ މައްސަލަތަކާ ގުޅިގެން އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ދައުވާ އުފުލާފައިވާ ކުރީގެ އެހެން މުވައްޒަފުންގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.