ބޭރު ކުޅިވަރު

ޕީކޭ އަށް އުނދަގޫ ތިން ފޯވަޑުންގެ ތެރޭގައި ރޮނާލްޑޯ

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް މާކް ކުރަން އެންމެ އުނދަގޫ ފޯވަޑުންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ކަމަށް އޭނާ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ޕީކޭ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރެވެ. އަދި މާކް ކުރަން އެންމެ އުނދަގޫ ފޯވަޑަކީ ކޮބާތޯ އެހުމުން އޭނާ ތިން ކުޅުންތެރިއަކު ފާހަގަކުރި އެވެ. އެއީ ރޮނާލްޑޯ އާއި ބަޔާން މިއުނިކާއި ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި ޗެލްސީ އާއި އައިވަރީ ކޯސްޓްގެ ކުރީގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ އެވެ.

"ޑްރޮގްބާ އަކީ ވަރަށް އުނދަގޫ ކުޅުންތެރިއެއް. ލެވޮންޑޯސްކީ އަކީ ވަރަށް ރިއެކްޝަން އަވަސް ކުޅުންތެރިއެއް. ރޮނާލްޑޯ ވެސް އެހާ އަވަހަށް ގޯލު ޖަހާނެ. މި ތިން ކުޅުންތެރިން އެންމެ ފާހަގަ ކުރެވެނީ،" ޕީކޭ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އެންމެ މޮޅު ތިން ފޯވަޑުންނަކީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް ކަމަށެވެ. ވާދަވެރި މެޗެއްގައި އެމީހުންނާ ކުރިމަތިލާން ނުޖެހުނު ނަމަވެސް ޕްރެކްޓިހުގައި އެމީހުންގެ މޮޅުކަން އޭނާ އަށް ފެނިފައިވާކަމަށް ވެސް ޕީކޭ ބުންޏެވެ.