ބެލަރޫސްގެ ރައީސް އެލެގްޒެންޑަ ލުކަޝެންކޯ އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ހަތްވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ.
މިއީ އޭނާ ވެރިކަމުގައި ހޭދަކުރާތާ 30 އަހަރު ފުރޭ އަހަރު ގުނާ ދައުރެވެ.
ބެލަރޫސްގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ލުކަޝެންކޯ ވަނީ ވޯޓުލާން ނިކުން މީހުންގެ ތެރެއިން 82.1 އިންސައްތަ ވޯޓު ހޯއްދަވާފަ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން 72.3 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ނަމަވެސް މި އިންތިހާބާ ގުޅޭގޮތުން ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ މިއީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫން ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ މި އިންތިހަބަކީ ޑިމޮކްރެޓިކް މިންގަނޑުތަކާ ހިލާފު އިންތިހާބެއް ކަމަށް ބުނެފަ އެވެ.
ލުކަޝެންކޯގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް އަނިޔާކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމާއި އަދި އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ ތުހުމަތުތައް ކުރެވެ އެވެ. މިކަންކަމާ ގުޅިގެން ބެލަރޫސްއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ފިޔަވަޅުތަކެއްވެސް އަޅާފައިވެ އެވެ.
ގައުމުތަކުގެ ލީޑަރުންގެ ތެރެއިން ލުކަޝެންކޯ އަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެންމެ ބޮޑު ގާތް ކަމެއް ގެންގުޅުއްވާ ލީޑަރެވެ.
ހުޅަނގުން ސިފަކުރާ ގޮތުގައި ލުކަޝެންކޯ އަކީ ޕުޓިންގެ ނުފޫޒުގެ ދަށުގައިވާ ގޮނގިކޮއްކޮ ވެރިކަމެއް ކުރައްވާ ބޭފުޅެކެވެ. އަދި ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރެވޭ ހަނގުރާމައިގައި ލުކަޝެންކޯ ޕުޓިންއަށް އަސްކަރީ ގޮތުން އެހީތެރިވެދޭ ކަމަށްވެސް ހުޅަނގުން ތުހުމަތު ކުރެ އެވެ.