ބޭރު ކުޅިވަރު

ހާޓްގެ ބަދަލުގައި އިނގިރޭސި ކީޕަރުކަން ހާޓްސަން އަށް

ނެދަލޭންޑްސް އާއި ޖަރުމަނާ ދެކޮޅަށް ނުކުންނަ އިނގިރޭސި ގައުމީ ޓީމުގެ ކީޕަރުކަން ބާންލީގެ ކީޕަރު ޓޮމް ހާޓްސަން އަށް ދީފި އެވެ.

ކޯޗު ރޯއި ހޮޖްސަން އަށް އޭނާ ޓީމަށް ގެނައީ އަނިޔާގެ ސަބަބުން އެއްވަނަ ކީޕަރު ޖޯ ހާޓް އަށް މި ދެ މެޗުގައި ކުޅެވެގޮތްނުވުމުންނެވެ.

އޭނާގެ އިތުރުން ރަހީމް ސްޓާލިން އަށް މި ދެ މެޗުގައި ނުކުޅެވޭނެ އެވެ. ނަމަވެސް އެހެން ކުޅުންތެރިއަކު ޓީމަށް ނުނަގަން ކޯޗު ވަނީ ނިންމާފަ އެވެ.

"ޓޮމް (ހާޓްސަން) ވަނީ ވަރަށް ގިނަ ފަހަރު އަހަރުމެންނާއެކު މެޗުތަކުގައި ބައިވެރިވެފައި. އަހަރެންގެ އުއްމީދު އެބައޮތް އޭނާ ރަނގަޅަށް ކުޅޭނެ ކަމަށް،" ކޯޗު ބުންޏެވެ.

"މުހިންމު ކުޅުންތެރިން، ހާއްސަކޮށް ސްޓާލިން އާއި ހާޓް ޓީމުގައި ނެތުމަކީ ވަރަށް ބޮޑު އުނިކަމެއް. ޓީމުގެ ސީނިއާ ކުޅުންތެރިންނަށް އަވަސް ޝިފާއަކަށް އަހަރެން އެދެން،" ކޯޗު ބުންޏެވެ.

މި ދެ މެޗަށް ނެގި ޓީމުގައި ކެޕްޓަން ވޭން ރޫނީ ވެސް އަނިޔާގެ ސަބަބުން ނުހިމެނެ އެވެ. ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ ތެރޭގައި އެވަޓަންގެ ފިލް ޖަގިއެލްކާ ރޮސް ބާކްލޭ އާއި ޓޮޓެންހަމްގެ ޑެނީ ރޯސް އާއި ޑެލޭ އައްލީ، ފޯވަޑް ހެރީ ކޭން އާއ އާސެނަލްގެ ޑެނީ ވެލްބެކާއި ލެސްޓާ ސިޓީގެ ފޯވަޑް ޖިމީ ވާޑީ އާއި ލިވަޕޫލްގެ ޖޭމްސް މިލްނާ އަދި އާދަމް ލަލާނާ އަދި ޑެނިއަލް ސްޓަރިޖް ހިމެނެ އެވެ.