ލޯންޗް އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެދިއްޖެ އެވެ.
ދައުވާކުރަން ފުލުހުން އެދޭ ދެމީހުންނަކީ ކ. ކާށިދޫ ހީނާވިލާ، ޔާނިސް ހަމީދު (35އ) އާއި ހދ. ނޮޅިވަރަމް ގްރީންހައުސް، މުހައްމަދު ޖަމީލް (43އ) އެވެ.
މި ދެ މީހުންނަށް ދައުވާކުރަން އެދުނީ އޭޕްރީލް 29، 2023 ވަނަ ދުވަހުގެ ހަވީރު 4:42 ހާއިރު "ސަސް އީ ސްޕީޑް" ލޯންޗާއި "އެމްޑަބްލިޔުއެސްސީ މެރިން 2” ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި، އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލައިގައެވެ.
ދައުވާކުރަން ފުލުހުން ބޭނުންވާ ދެ މީހުންނަކީ އެ ދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެންމެ ފުރަތަމަ އެދުނީ ޖޫން 4، 2023 ގައެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވާލުމުން ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
މި އެކްސިޑެންޓްގައި މަރުވީ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އެވެ. އޭނާ މަރުވީ އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، އެކްސިޑެންޓް ހިނގި ދުވަހުގެ ދުވަހުގެ 18:15 ހާއިރު އެވެ.