ޗެމްޕިއަންސް ލީގް

އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބާސާއިން ގެއްލުވާލައިފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިޓަލީގެ އެޓްލާންޓާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ފުރަތަމަ ބުރުގެ އެއްވަނައަށް އަރަން އޮތް ފުރުސަތު ބާސެލޯނާ އަތުން ގެއްލިގެން ދިޔައީ އެވެ.

ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެއް ނަމަވެސް ބާސެލޯނާ އަށް 8 މެޗުން ލިބުނު 19 ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ދެވަނައިގަ އެވެ. އަދި އެޓްލާންޓާ އަށް 8 މެޗުން 15 ޕޮއިންޓް ލިބި 9 ވަނައަށް އެޓީމު ވެއްޓުނެވެ. މިއާއެކު ދެވަނަ ބުރަށް ދިއުމަށް އެޓްލާންޓާ އަށް ޖެހޭނީ ޕްލޭއޮފް މެޗެއް ކުޅޭށެވެ.

ކޭމްޕް ނޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. ނަމަވެސް އެޓްލާންޓާގެ އެޑަސަން ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ބާސެލޯނާގެ ރޮނަލްޑް އަރައުހޯ އަނެއްކާވެސް އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް އެޓްލާންޓާގެ މާރިއޯ ޕަސަލިޗް ވަނީ މެޗު އަލުން އެއްވަރުކޮށްފަ އެވެ.

މި މެޗާއެކު އެސްޓަން ވިލާ އިން ކުޅުނު މެޗުން އެ ޓީމު މޮޅުވެ 16 ޕޮއިންޓް ހޯދުމާއެކު، އެޓްލާންޓާ އަށް ގަދަ 8ގެ ޖާގަވެސް މިހާރު ވަނީ ގެއްލިފަ އެވެ.