ސްޕެނިޝް ކްލަބް ރެއާލް މެޑްރިޑް އިން ބްރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕްލޭއޮފް މެޗު ކުޅެން ޖެހިއްޖެ އެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއެކު 8 މެޗުން 15 ޕޮއިންޓް ހޯދައި ތާވަލުގެ 11 ވަނަ މަގާމަށް ވަނީ އަރާފަ އެވެ.
މި މެޗަށް ނިކުތްއިރުވެސް އަމިއްލަ ބާރުގައި ގަދަ 8ގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެ ޓީމަކަށް ނެތެވެ. މެޗުން ބަލިވި ނަމަވެސް ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާ ބްރެސްޓް ވެސް ވަނީ 18 ވަނަ ހޯދައިގެން ދެވަނަ ބުރުގެ ޕްލޭއޮފް މެޗެއް ކަށަވަރުކޮށްފަ އެވެ.
މުބާރާތުގެ ކުރީކޮޅު އެދެވޭ ނަތީޖާތަކެއް ރެއާލް މެޑްރިޑަށް ނުލިބުމުގެ ސަބަބުން ގަދަ 8ގެ ޖާގަ ގެއްލިފައިވާއިރު ފުރަތަމަ 6 މެޗުގެ ތެރެއިން 3 މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ނަމަވެސް ފަހުން ކުޅުނު 5 މެޗުން މޮޅުވެ، 20 ލަނޑު ވަނީ ޖަހާފަ އެވެ.
ފްރާންސްގައި ކުޅުނު މި މެޗުގައި ރޮޑްރިގޯ އިން ދެ ލަނޑު ޖަހައި، ބެލިންހަމް އިން އެއް ލަނޑު ޖެހި އެވެ. މި ސީޒަންގައި ރޮޑްރިގޯ ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ 10 އަށް އަރާފަ އެވެ.
ދެވަނަ ބުރުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މެންޗެސްޓަ ސިޓީ ނުވަތަ ސެލްޓިކް އެވެ. ދެވަނަ ބުރުގައި ކުޅޭނެ ޓީމުތައް ކަނޑައެޅިގެންދާނީ މި ހަފުތާގެ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުގަ އެވެ.