ކެންދޫ

ކެންދޫ މަގުތަކުގައި އިންދޭނީ ހަމައެކަނި ކޮޕީ

Mar 23, 2016
1
  • ތަކެތި ބެހެއްޓޭނީ ތިން ދުވަހަށް
  • ކޮޕީ ފަތް ގަސް އިންދަންވާނީ ފާރާ ފޫޓެއް ދުރުގައި

ރަށްރަށުގެ މަގުތަކުގައި ހިތު ހުރިހާ ގޮތަކަށް ގަސް އިންދުމަކީ އާއްމު ކަމެވެ. ނަމަވެސް ބ. ކެންދޫގައި މިކަން ތަފާތު ވެއްޖެ އެވެ. ކެންދޫގެ މަގުތަކުގައި ހަމައެކަނި ހެއްދޭނީ މިހާރު ކޮޕީފަތެވެ.

ބ. ކެންދޫ ކައުންސިލުން ނެރެ ގެޒެޓް ކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން މަގުމަތީގައި ގަސް އިންދުމުގައި ކޮޕީފަތް ނޫން ގަސްތައް އިންދުމަކީ މުޅިން މަނާކަމެވެ.

ކައުންސިލުން ނެރެފައިވާ "އާއްމު ތަންތަނާ މަގު މައްޗަށް ނެގުމުގެ އުސޫލު" ގައިވާ ގޮތުން ޕޮޓުގައި އިންދާފައިވާ ގަސްތަކުގެ ތެރެއިން ވެސް މަގުތަކުގައި ހަމައެކަނި ބެހެއްޓޭނީ ކޮޕީފަތް ޕޮޓްތައް އެކަންޏެވެ.

"ކޮޕީ ފަތް ގަސް އިންދަން ވާނީ މަގު ފާރުން ފެށިގެން އެއްފޫޓަށްވާ ގޮތަށް އެއް ބަރިއަށެވެ،" ކައުންސިލުން ބުނެފައިވެ އެވެ.

ކެންދޫ ކައުންސިލުން ބުނި ގޮތުގައި އެކި ބޭނުމަށް މަގުތަކުގައި ގައު އެޅިނަމަވެސް، އެ ގާތައް ވެސް މަދުވެގެން ތިން ދުވަހުގެ ތެރޭގައި ނަގައި ސާފު ކުރަންވާނެ އެވެ.

"މަގުމަތީގައި ގައު، ވެލި، ދަގަނޑު ޓިނު، އަދި ލަކުޑި، މި ބާވަތުގެ އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ،" ކައުންސިލުން ބުނެފައިވެ އެވެ.