އެސްޕަނިއޯލް އިން ރެއާލް މެޑްރިޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށްފި އެވެ.
ރޭ ކުރިއަށް ދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނެޓަށް ވެފައި ވަނިކޮށް އެސްޕަނިއޯލްގެ ކާލޯސް ރޮމޭރޯ އެވެ.
މި މެޗުގައި ވިނިޝިއަސް ޖޫނިއައަށް ލިބުނު ލަނޑެއް ވަނީ އެމްބާޕޭ ފައުލް ކުރިކަމަށް ނިންމައި ބާތިލްކޮށްފަ އެވެ. އަދި ރޮޑްރިގޯ އާއި އެމްބާޕޭ އަށްވެސް ލަނޑު ޖެހުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެސްޕަނިއޯލްގެ ގޯލްކީޕަރު ގާސިއާ ވަނީ އެ ހަމަލާތައް ހުއްޓުވާފަ އެވެ.
މި މެޗުން ބަލިވުމާއެކު މިއީ މި ސީޒަންގައި ރެއާލް މެޑްރިޑް ބަލިވި ތިންވަނަ މެޗެވެ. އަދި ތާވަލުގެ އެއްވަނަ މަގާމުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. މިހާރު ރެއާލް މެޑްރިޑަށް 22 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 22 މެޗުން 48 ޕޮއިންޓް ލިބިފައިވެ އެވެ. ބާސެލޯނާ އަށް 21 މެޗުން ވަނީ 42 ޕޮއިންޓް ލިބިފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ވަނީ އަނިޔާވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރެއާލް މެޑްރިޑަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.
އެހެން މެޗެއްގައި ރޭ މަޔޯކާ އާއި ދެކޮޅަށް ކުޅުނު މެޗު އެތްލެޓިކޯ މެޑްރިޑް އިން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.