މިސްކިތް

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ޖުލައިގައި ފަށާނެ: މުއިއްޒު

މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. މިއީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި އަޅާ މިސްކިތެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ރީތި، އެންމެ ފުރިހަމަ އިސްލާމީ ބިނާ ގެ ގޮތުގައި މި މަޝްރޫއު އިފްތިތާހުކޮށް ސައޫދީ ސަރުކާރުން ރާއްޖެއަށް ދިން އެހީ ރަސްމީކޮށް އެވޯޑު ކުރީ މިދިޔަ މަހު އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކިންގެ ސަލްމާން އަބްދުލް އަޒީޒް މިސްކިތުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެކަން ކުރަނީ މިނިސްޓްރީން ކަމަށެވެ. ޑިޒައިން މަސައްކަތް ނިމި ކޮންޓްރެކްޓާއެއް ހޯދުމަށްފަހު ޖޫން ހިސާބުގައި އެ މަޝްރޫއު މޮބިލައިޒް ކުރަން ފާށައި ދެ އަހަރު ދުވަހުގެ ތެރޭގައި ބިނާ އެއްކޮށް ނިންމާނެ ކަމަށެވެ.

"ފައިނަލް ޑިޒައިން މިހާރު އެއޮތީ. ކުރީ ދުވަހު [މިސްކިތް އިފްތިތާހު ކުރި ދުވަހު] ވެސް އެޑިޒައިން ދައްކާލި ދެއްތޮ. ކޮންޓްރެކްޓަރަކަށް ދޭ ވަރަށްވުރެ ޑީޓެއިލް އެ ޑިޒައިން. ދެން ކޮންޓްރެކްޓާ ހޯދަން ބިޑަށް ހުޅުވާލާނެ ދުވަހެއް އަޅުގަނޑުމެން ފަހުން ހާމަކުރާނަން. އަމަލީ މަސައްކަތް ފަށަން ކޮންމެހެންވެސް ބޭނުން ޖޫން ޖުލައި ހިސާބުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

"ކިންގް ސަލްމާން މިސްކިތް" ގެ ނަމުން ނަންދީފައިވާ، އެ އަގުބޮޑު ބިނާ އަޅަން ނިންމާފައިވަނީ ބްރިޖާއި ދިމާލުން މާާލޭގެ މަލަމަތި ފެންނައިރު ހިތްގައިމުކަމާއެކު ފެންނާނެ ފަދަ ގޮތަކަށެވެ. ގާތްގަނޑަކަށް 6000 މީހުންނަށް އެއްފަހަރާ ނަމާދުކުރުމަށް 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ އެ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައި ވެ އެވެ.

މީގެ އިތުރުން އެ ބިނާގައި ދީނީ ފޮތްތައް ހިމެނޭ ބޮޑު ލައިބްރަރީ އަކާއި އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން ގުރުއާނާއި ބެހޭ މަރުކަޒެއްވެސް ހިމެނޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ތިންލައްކަ ސާޅީސް ދެހާސް އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި ބިނާކުރާ އެ މިސްކިތަށް، ސައޫދީ ރަސްގެފާން، ސަލްމާން ބިން އަބްދުލް އަޒީޒްގެ ނަމުން ނަން ދީފައިވަނީ، ރާއްޖޭގެ އިސްލާމީ ހައިބަތު ދައްކުވައިދޭ އެފަދަ އަގުބޮޑު ބިނާއެއް އެއްވެސް އަގަކާއި ނުލައި އަޅުއްވައިދެއްވުމަށް އެމަނިކުފާނު ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެކަމުގެ ޒިކުރާ އަބަދުމެ ދެމެހެއްޓުމަށްޓަކައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.