އެޓްލެޓިކޯ މެޑްރިޑް އިން ގެޓާފޭގެ މައްޗަށް 5-0ގެ ބޮޑު ތަފާތަކުން މޮޅުވެ ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެތްލެޓިކޯގެ ފަރާތުން ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 8 ވަނަ މިނެޓުގައި ޖޫލިއާނޯ ސިމިއޯނީ އެވެ. ޖޫލިއާނޯ އޭގެ 9 މިނެޓު ފަހުން އިތުރު ލަނޑެއް ޖަހައި އެތްލެޓިކޯގެ ލީޑު 2-0 އަށް ފުޅާކުރި އެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެމުއެލް ލިނޯ ވަނީ އެތްލެޓިކޯގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ. ދެވަނަ ހާފުގައި އެންގެލް ކޯރިއާ އާއި އެލެކްޒެންޑަރ ސޯލޮތް ޖެހި ދެ ލަނޑާއެކު އެތްލެޓިކޯ މެޑްރިޑްގެ މޮޅު 5-0 އަށް ފުޅާކުރި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑިއެގޯ ސިމިއޯނީގެ ދަރިފުޅު ޖޫލިއާނޯ ސިމިއޯނީ އެވެ. އޭނާ ވަނީ މި މެޗުގައި ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އަދިވެސް އޭނާގެ ކުޅުން އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
މި މޮޅާއެކު އެތްލެޓިކޯ މެޑްރިޑް ވަނީ ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފަ އެވެ.