ބޮލީވުޑް

ބައުންސް ޗެކް މައްސަލާގައި ޕްރިތީގެ ކުށެއްނެތް ކަމަށް ނިންމައިފި

Mar 22, 2016

"އިޝްގް އިން ޕެރިސް" ގެ ޑައިލޮގް ރައިޓަރު އައްބާސް ޓަޔަރުވާލާ އެފިލްމުގެ ޕްރޮޑިއުސަރު އަދި ބަތަލާ ޕްރިތީ ޒިންތާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ބައުންސް ޗެކްގެ މައްސަލާގައި އޭނާގެ ކުށެއް ނެތް ކަމަށް އަންދޭރީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން މިއަދު ނިންމައިފި އެވެ.

ޕްރިތީއާ ދެކޮޅަށް އައްބާސް 2013 ވަނަ އަހަރު ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އޭނާއަށް ޕްރިތީ ދިން 18.9 ލައްކަ ރުޕީޒްގެ ޗެކް ބައުންސް ވުމުންނެވެ.

މިއަދުގެ ޝަރީއަތުގައި ޕްރިތީގެ ވަކީލު ހިތޭޝް ޖެއިން ވަނީ ޕްރިތީ އައްބާސް އަށް ޗެކު ދިންއިރު އޭނާ ކައިރި ނުބުނު އެއަށް ފައިސާ ނަގަން ބެންކަށް ހިނގައިދާނެ ކަން ޕްރިތީއަށް ނޭނގޭ ކަމަށް ބުނެފަ އެވެ.

ޖެއިން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ޗެކް އިޝޫކުރި ދުވަހަށް އައްބާސް އާއި ހަވާލުކުރި މަސައްކަތްވެސް ނިމިފައިނުވާ ކަމަށާއި އެހެންކަމުން އެ ޗެކް ބައުންސްވުމުގެ ޒިންމާ ޕްރިތީ ނަގަން ނުޖެހޭނެ ކަމަށެވެ.

މީގެކުރިން އޮތް މިމައްސަލައިގެ އަޑުއެހުމަކަށްފަހު ޖެއިން ނޫސްވެރިންނާއި ވާހަކަދައްކަމުން ވަނީ ފިލްމުގެ ޑައިލޮގް ލިޔަން އައްބާސްއާ ހަވާލުކުރި ނަމަވެސް ބުނެފައިވާ ދުވަހަށް އޭނާ މަސައްކަތް ނިންމާފައިނުވާ ކަމަށާއި އޭނާގެ ޑައިލޮގްތަކުގެ ފެންވަރު ދައްކަމުން އެފިލްމުގައި ޑައިލޮގްތައް ބޭނުންކުރެވޭ ގޮތް ނުވި ކަމަށެވެ. އަދި ބައުންސްވި ޗެކަކީ ޕްރިތީގެ އޮފީހުން އައްބާސްއާ ހަވާލުކުރި އެއްޗެއް ކަމަށާއި ޗެކްގައި ތާރީހު ޖެހީވެސް އައްބާސް ކަމަށް ބުނެފަ އެވެ.

މިމައްސަލައިގައި މީގެކުރިން ކޯޓަށް ހާޒިރުވާން އެކި ފަހަރު މަތިން ޕްރިތީއަށް އެންގުމުންވެސް ހާޒިރުވެފައިނުވާތީ ދެ ފަހަރެއްގެ މަތިން ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ.

"އިޝްގް އިން ޕެރިސް" ފްލޮޕްވެ ޕްރިތީއަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފަ އެވެ. ޕްރިތީ، 41 ވަނީ މި މަހުގެ ކުރީކޮޅު ލޮސް އެންޖަލިސް އަށް ނިސްބަތްވާ ޖީން ގުޑްއިނަފް ކިޔާ ޒުވާނަކާ ކައިވެނިކޮށްފަ އެވެ.