- ޕްލާންޓުން ޖުލައި މަހު ފެން ދޫކުރާނެ
- ފެން އުފައްދާ ވަރު 450 މެޓްރިކް ޓަނަށް މަތިވޭ
- މަޝްރޫއަށް 3.6 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރޭ
ގދ. ތިނަދޫގައި ފެން ޕްލާންޓެއް ބަހައްޓަން 3.6 މިލިއަން ރުފިޔާއަށް ދުބާއީ ކުންފުންޏަކަށް ފެންނަ ކޯޕަރޭޝަނުން މިއަދު މަސައްކަތް ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫގައި ފެން އުފައްދާ ޕްލާންޓެއް ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ "ކޮރޮޑެކްސް އިންޓަސްޓްރީ އެލްއެލްސީ ދުބާއީ" އާ އެވެ. މި މަޝްރޫއުގެ ދަށުން ތިނަދޫގައި ބަހައްޓަނީ ގާތްގަނޑަކަށް 300 މެޓްރިކް ޓަނުގެ ފެން އުފެއްދޭ ވަރުގެ ޕްލާންޓެކެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ދެމުންގެންދާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ދުބާއީގެ މި ކުންފުންޏަށް ފެން އުފައްދާ ޕްލާންޓެއް ބަހައްޓަން ހަވާލުކުރީ ބިޑް އުސޫލުން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވަނީ މި ކުންފުނިކަމަށްވާތީ ކަމަށެވެ.
"މި ޕްރޮޖެކްޓަކީ ތިނަދޫ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުން ޔަގީންކޮށް ދިނުމަށް ހިންގާ މަޝްރޫއެއް. ތިނަދޫއަކީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ރަށެއް. ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހަ ފްލެޓް އެޅި ފްލެޓްތަކުގައި މީހުން އުޅެން ފަށާނެ. ނަމަވެސް މިހާރު ހުރި ޑީސެލިނޭޝަން ޕްލާންޓުގައި އެ ކެޕޭސިޓީއެއްނެތް. އެހެންވެ މި ޕްލާންޓު ގާއިމް ކުރީ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަޝްރޫއަށް ބަޖެޓު ހަމަޖެހިފައިވަނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ކަމަށެވެ.
"ފިނޭންސް އެންޑް ޓްރެޒަރީން ހާއްސަ ބަޖެޓެއް ހަމަޖެހިގެން މިދަނީ،" ނިމާލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ޕްލާންޓުން ފެން އުފައްދަން ފެށުމުން ދެ ޕްލާންޓުން ދުވާލަކު 450 މެޓްރިކް ޓަނުގެ ފެން އުފައްދައި ދޭނެ ކަމަށެވެ.
"މި ޕްރޮޖެކްޓުގެ ޕްލާންޓްތައް އިންސްޓޯލް ކުރެވި ޖުލައި މަހު ފެން ދޫކުރަން ފެށޭނެ،" ނިމާލް ވިދާޅުވި އެވެ