ހަބަރު

ތިނަދޫ ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ މިދަނީ ހައްލު ކުރަމުން: ފެނަކަ

ގދ. ތިނަދޫ ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ގދ. ތިނަދޫގައި ފެނުގެ ހިދުމަތް ދެމުންގެންދިޔަ 150 ޓަނުގެ ފެންޕްލާންޓަށް ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން އެރަށުގެ އެކި ހިސާބުތަކުން ފެނުގެ ޚިދުމަތްވަނީ މެދުކެނޑިފައިވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރަމުން ދާވަގުތުވެސް ރަށުގެ އެކި ހިސާބުތަކުން އެކިވަގުތު ފެނުގެ ހިދުމަތް ކެނޑިދާނެކަމަށާއި، އެ ކަމުގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށް މިވަގުތު އުފުލަން ޖެހިފައިވާ ތަކުލީފަށް އެކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް
އެދެކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ތިނަދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ދާއިމީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން 300 ޓަނުގެ ފެންޕްލާންޓެއް ބަހައްޓާ އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމަށާއި، އެ ހައްސާސީ ވަގުތުގައިވެސް ތިނަދޫގެ ރައްޔިތުން އެކުންފުންޏަށް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ.