ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި ގދ. ތިނަދޫއަށް އާ އިންޖީންތައް ގެނެސް އިންސްޓޯލްކޮށް ދާއިމީ ކަރަންޓު ދޭން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން އެވެ. އަވަސް އަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނިމާލު މިއަދު ވިދާޅުވީ، ތިނަދޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ވަރަށް އަވަސް ސްޕީޑުގައިދާ ކަމަށެވެ. އެ ރަށަށް އާ ޖަނަރޭޓަރުތައް ހޯދައިދިނުމާއި އާ އިންޖީނުގެއެއް އެޅުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތްތައް ކުރާނެ ކޮންޓްރެކްޓަރަކު ހޯދަން މިހާރު ބިޑް ޑޮކިއުމަންޓް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ ތިނަދޫ އިންޖީނުގެ އަޅަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ކުރިމަތިލި ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރަކު ހަމަޖައްސަން އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
ތިނަދޫއަށް މިހާރު 24 ގަޑިއިރު ކަރަންޓު ދިނަސް އެރަށުގައި މިހާރު ހުރި ޖެނަރޭޓަރުތަކަކީ އެ ރަށުގެ އިންޖީނުގެ އެނދުމާ ގުޅިގެން އެކި ތަންތަނުން ގެންދިޔަ ޖެނަރޭޓަރުތަކެކެވެ.
ނިމާލް ވިދާޅުވީ އެރަށަށް ދާއިމީ ޖެނަރޭޓަރުތަކެއް ގަތުމަށް، އަގުތައް ހޯދައި ބިޑް ތައްޔާރުކޮށްފައިވާއިރު އެރަށަށް ދެން ގެންނަ ޖެނަރޭޓަރުތަކުގެ ކެޕޭސިޓީ ކުރިއާ އަޅާ ބަލާއިރު އިތުރުވާނެ ކަމަށެވެ. އެހެންކަމުން އެރަށަށް ދެން ގެންނާނީ އެނދި އިންޖީނުގޭގައި ހުރި ޖެނަރޭޓަރުތަކަށްވުރެ ކެޕޭސިޓީ ހައި އިންޖީނުތަކެއް ކަމުން އެރަށުގެ މިހާރުގެ އާބާދީއަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އެ އިންޖިން ތަކުން ކޭޓަކުރެވޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ.
"ހަމަޔަގީނުންވެސް ދެން އަޅުގަނޑުމެން ހޯދާނީ ކުރިން އެނދި އިންޖީނު ގޭގައި ހުރި ޖެނަރޭޓަރުތަކަށްވުރެ ކެޕޭސިޓީ ހައި އިންޖިން ތަކެއް. އެއީ ކުރިއަށް އޮތްތަނުގައި އާބާދީވެސް ތިނަދޫގައި އިތުރުވާނެ. ހަމަ އެއާއެކު ކަރަންޓު ބޭނުންކުރާ ނިސްބަތް ވެސް. އެހެންވީމަ އެގޮތަށް ވެސް ކޭޓާ ކުރެވޭނެ ވަރުގެ ކެޕޭސިޓީ ހުރި އިންޖިން ތަކެއް ހޯދަން ގަސްދުކޮށްފައިވަނީ،" ނިމާލް ވިދާޅުވި އެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ އަޅަން ބަޔަކާ ހަވާލުކުރަން ހަމަޖެހިފައިވީ ނަމަވެސް ޖަނަރޭޓަރުތައް ލިބުނުހާ އަވަހަކަށް އިންސްޓޯލްކުރަން ފަށާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.