ގދ. ތިނަދޫގައި އާ އިންޖީނުގެއެއް އަޅަން 11.4 މިލިއަން ރުފިޔާއަށް ސްރީ ލަންކާގެ އެޑްވާންސް ސްޓީލް ސްޓްރަކްޗާއާ ފެނަކަ ކޯޕަރޭޝަނުން ހަވާލުކޮށްފި އެވެ.
ތިނަދޫގައި އާ އިންޖީނުގެއެއް އަޅަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޖީނުގޭގެ އިމާރާތް އެތެރޭގައި ހުރި ސާމާނާއި އެކު އަނދާ ހުލިވެފައިވާތީ އެވެ. އެ އަލިފާނުގެ ހާދިސާއާއި ގުޅިގެން ބާވީހަކަށް މިލިއަން ރުފިޔާގެ ގެއްލުންވި އެވެ،
ތިނަދޫގެ އާ އިންޖީނުގެ އަޅަން ހަވާލުކުރުމަށް މިއަދު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްބުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ. އެޑްވާންސް ސްޓީލް ސްޓްރަކްޗާ ކުންފުނިން ޑިރެކްޓާ ދުޝަން ދަޔަރަތުނާ އެވެ.
ކުރިއަށް އޮތް 150 ދުވަހުގެ ތެރޭގައި އަޅައި ނިންމަން ހަވާލުކުރި އާ އިންޖީނުގެއާ ބެހޭގޮތުން ނިމާލް ވިދާޅުވީ، ތިނަދޫގައި އިމާރާތް ކުރަން ނިންމާފައިވަނީ ވަރަށް ޒަމާނީ ފްރީ ފެބްރިކޭޓެޑް އިންޖީނު ގެއެއް ކަމަށެވެ. އެ އިމާރާތުގައި ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިދާރީ އިމާރާތެއް ވެސް ހިމަނާނެ ކަމަށެވެ. އަދި އިމާރާތް ނިމިގެންދާއިރު، މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ނޫނަސް، ވަކި ޕްރޮޖެކްޓެއްގެ ތެރެއިން ކެމެރާއާއި ފަޔާ އެލާމް ސިސްޓަމް އިމާރާތުގައި ގާއިމްކުރާނެ ކަމަށެވެ.
އާ އިންޖީނުގެ މިއަހަރުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާއިރު ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ތިނަދޫއަށް މުޅިން އާ ސިންކްރޮނައިޒިން ޕެނަލް ސިސްޓަމަކާއި ހަތަރު ޖެނަރޭޓަރު އޯޑަރު ކުރުމަށް ސޮއިކުރާނެ އެވެ.
"ހަތަރު އިންޖީން ގަންނަ ސަބަބަކީ ތިނަދޫ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުން. މިހާރުވެސް އޮތީ ދާއިމީ ކަރަންޓެއް. ނަމަވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހިދުމަތް ދެވޭނީ އެކަށީގެންވާ ފެންވަރެއްގައި ތަން ހެދި ތަރައްގީވުމުން،" ނިމާލް ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ، ތިނަދޫގައި މިހާރު ބަހައްޓާފައިހުރީ ކޮންޓެއިނާ ޕަވާހައުސް އަކަށް ވާތީ ހޫނުވުމުގެ ސަބަބުން ބައެއް ޖެނަރޭޓަރުތައް ނިއްވާލަން ޖެހޭ ހާލަތްތައް އަންނަ ކަމަށާއި އާ ޖެނަރޭޓަރުތައް ގެނައުމުން ކަރަންޓު މެދުކަނޑާލަން ނުޖެހޭނެ ކަމަށެވެ.
އާބާދީގެ ގޮތުން ގިނަ ބަޔަކު ދިރިއުޅޭ ތިނަދޫގެ އިންޖީނުގޭގައި މިދިޔަ ޖެނުއަރީ މަހު އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން އެތަނުގައި އިންސްޓޯލްކޮށްފައިވަނީ ތިން ޖެނަރޭޓާ ސެޓެވެ. އެއިން އޭރު ނަގައިދިނީ 1600 ކިލޯ ވޮޓެވެ. އޭރު ތިނަދޫގެ ޑިމާންޑަކީ 1300 ކިލޯ ވޮޓެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަރަށް ގިނަ ތަކެއްޗަށް ގެއްލުން ލިބުނެވެ. އެ ހާދިސާއާއި ގުޅިގެން ވަގުތީ ގޮތުން ގާއިމްކުރީ ވެސް ތިން ޖެނަރޭޓާ ސެޓެވެ. އެއްހާސް ވޮޓުގެ ދެ ޖަނަރޭޓަރު ސެޓާއި 1120 ކިލޯ ވޮޓުގެ ޖެނަރޭޓަރު ސެޓެކެވެ. ނަމަވެސް އެއީ ވަގުތީގޮތުން ސްޓެލްކޯއާ އެހެނިހެންވެސް ބައެއް މުއަސަސާތަކުން ހޯދައިގެން ގެންދިޔަ ޖެނަރޭޓަރުތަކެކެވެ.
އާ އިންޖީނުގެ އަޅައި، އާ ޖެނަރޭޓަރުތައް ގެނައުމުން ތިނަދޫގެ އާބާދީއަށް ބޭނުންވާވަރަށް ވުރެވެސް ރަނގަޅަށް އެރަށަށް ކަރަންޓު ލިބިގެންދާނެ އެވެ.