ބޮލީވުޑް

އަނުޝްކާގެ ބޮޑު ސިއްރު ކަރަން ޖޯހަރު ބޭޒާރުކޮށްލައިފި

Mar 22, 2016
4

ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އަކީ ބޮލީވުޑްގެ ގިނަ ބަތަލާއިންގެ ގާތް އެކުވެރި އެކެވެ. ބަތަލާ އަނުޝްކާ ޝަރްމާ ދެކޭ ގޮތުގައިވެސް ކަރަން އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއްގެ އިތުރުން "ކްރިޓިކަލް ފްރެންޑެއް" ވެސްމެ އެވެ.

ދާދިފަހުން ކަރަން ވަނީ އަނުޝްކާގެ ވަރަށް ބޮޑު ސިއްރެއް ބޭޒާރުކޮށްލާފަ އެވެ.

ކަރަން ހަތް އަހަރު ފަހުން ޑައިރެކްޓްކުރާ ފިލްމު، "އެއި ދިލްހޭ މުޝްކިލް"ގައި ވެސް މުހިންމު ރޯލަކުން ފެނިގެންދާ އަނުޝްކާގެ ބޮލުން އާދަޔާ ހިލާފަށް އިސްތަށި ފައިބާ ވާހަކަ ކަރަން ވަނީ މީޑިއާގައި ބުނެފަ އެވެ.

މިވާހަކަ ކަރަން ބުނެފައިވަނީ އޭނާގެ ކާރުގެ ސީޓުންނާއި އަދި ފިލްމުގެ ސެޓުންވެސް އާދަޔާ ހިލާފަށް އިސްތަށި ފެނިފައިވާތީ އެވެ.

ބޮލުން އާދަޔާ ހިލާފަށް އިސްތަށި ފައިބާކަން ކަރަންގެ ފަރާތުން އެނގުމުން އަނުޝްކާ ވަނީ އޭނާގެ ޝޭމްޕޫ ޕެންޓީން އަށް ބަދަލުކޮށްފައިވާ ކަމަށާއި، އެޝޭމްޕޫ ބޭނުންކުރަން ފެށުމުން ބޮލުން އިސްތަށި ފައިބާލެއް މަދުވެ އިސްތަށިގަނޑު ވަރުގަދަވެފައިވާ ކަމަށް ބުނެފަ އެވެ.

"މިހާރު އަހަންނަކަށް ނޭނގޭ ބޮލުން އިސްތަށި ފޭބުމަކީ ކޮބައިކަން ވެސް. އެހާވެސް އަހަރެންގެ އިސްތަށިގަނޑު ރީތިވެފައި ވަރުގަދަ ވެއްޖެ" އަނުޝްކާ ބުނެފައިވެ އެވެ.

އަނުޝްކާގެ އިތުރުން ކަރަން ވެސް ވަނީ ކުރިއަށްވުރެން މިހާރު އަނުޝްކާގެ އިސްތަށިގަނޑު ރީތިވެއްޖެ ކަމަށް ބުނެފަ އެވެ.

އައިޝްވާރިޔާ ރާއީ އާއި ރަންބީރު ކަޕޫރުވެސް މުހިންމު ރޯލުން ފެނިގެންދާ "އެއި ދިލްހޭ މުޝްކިލް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މިހާރު އަނުޝްކާ އަންނަނީ ސަލްމާން ޚާން އާއެކު "ސުލްތާން"ގެ މަންޒަރުތައް ނަގަމުންނެވެ.