އެމްޓީސީސީއަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ. 2023 ވަނަ އަހަރު އެ ކުންފުންޏަށް 3.2 ބިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެމްޓީސީސީ ހިންގައިގެން ލިބުނު އާމްދަނީވެސް ވަނީ 37.2 އިންސައްތަ ދަށްވެފަ އެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ހިންގުމުގެ އާމްދަނީގެ ގޮތުގައި 211.2 މިލިއަން ރުފިޔާ ލިބިފައިވާއިރު 2023 ވަނަ އަހަރު އެ ދާއިރާ އިން ލިބުނީ 336.7 މިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 84.2 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 99.1 މިލިއަން ރުފިޔާ އެވެ. މިއީ 2023 އަހަރާ އަޅާބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއިން 189 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. މި މުއްދަތުގައި 9 މަޝްރޫއެއް ނިންމާލައި، އާ ތިން މަޝްރޫއެއް ފަށާފައިވެ އެވެ. ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ނ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ހދ. ކުމުންދޫ ބަނދަރުގެ ޗެނަލް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ އާމްދަނީއަށް ބަލާއިރު 418.2 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 587.1 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 28.8 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް ކުންފުނި ހިންގައިގެން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. ހަތަރުވަނަ ކުއާޓަރުގައި 177.5 މިލިޔަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 12.7 މިލިއަން ރުފިޔާ އެވެ.