ތައިލެންޑްގެ ބެންގްކޮކްގައި ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގައި ރާއްޖޭގެ ޒުވާން ޝޫޓަރު މަރިޔަމް އީޝަލް މިސްބާހު، ރިހި މެޑަލް ހޯދައިފި އެވެ.
ޖޫނިއާ އަންހެން ކުދިންގެ އެއާ ޕިސްޓަލް ކެޓަގަރީން އީޝަލްގެ މި ކާމިޔާބީއާއެކު އޭނާ ވަނީ ގައުމީ ރެކޯޑެއްވެސް އާކޮށްފަ އެވެ.
ފަހުގެ ތާރީހެއްގައި ރާއްޖެއިން މިފަދަ އިވެންޓަކުން މެޑަލް ހޯދި ފުރަތަމަ ފަހަރަށްވާއިރު، ފައިނަލް ބުރުގައި އީޝަލްއަށް 229.9ގެ ސްކޯއެއް ހޯދި އެވެ. ރަން މެޑަލް ހޯދި ޗައިނީސް ތައިޕޭގެ ލިއައޯ ކޭ ރޮންގް ހޯދީ 231.2 ގެ ސްކޯ އެކެވެ.
ދުނިޔޭގެ ޝޫޓިންގައި އެންމެ ކުރީގައި އުޅޭ އެއް ގައުމުގެ ޝޫޓަރަކާ ވާދަކޮށް، ހަނި ތަފާތަކުން ބަލިވި ނަމަވެސް، އީޝަލް ވަނީ އާދަޔާ ހިލާފު ހުނަރުވެރިކަމެއް ދައްކާފަ އެވެ.
ޖުމްލަ 23 ގައުމަކުން ވާދަކުރާ މި މުބާރާތުގައި، މީގެ ކުރިން އިބްރާހިމް ޝިފާން އާއި އައިޝަތު ޔޫހާ އިމްތިޔާޒުވެސް ވަނީ އެއާ ރައިފަލްގެ މިކްސް ޓީމް އިވެންޓުގައި ގައުމީ ރެކޯޑެއް ހަދާފަ އެވެ. މި ޓީމުން 601.6 ގެ ސްކޯއެއް ހޯދައި، ކުރީގެ ރެކޯޑު (600.9) އާކުރި އެވެ. ކުރީގެ ރެކޯޑު ހެދީ ޝިފާން އާއި ޝަރަފިއްޔާ އަބްދުއްރަހުމާން، 2022 ވަނަ އަހަރު ޗައިނާގެ ހަންޒޫގައި ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގަ އެވެ.
މި މެޑަލްއަކީ އީޝަލްގެ ފުރަތަމަ ބައިނަލްއަގުވާމީ މެޑަލްކަން ފާހަގަކޮށްލެވެ އެވެ.