ހަބަރު

ރައީސް، ބެލްޖިއަމްގެ ބޮޑު ވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ބެލްޖިއަމްގެ ތިން ސަރަހައްދެއް ކަމަށްވާ ޒަވެންޓެމް އެއަރޕޯޓާއި، ޝޫމަން އަދި މަލްބީކް މެޓްރޯ ސްޓޭޝަންސް އަށް ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ބެލްޖިއަމްގެ ބޮޑު ވަޒީރު، ހިޒް އެކްސެލަންސީ ޗާލްސް މިޝެލްއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި މެސެޖުގައި، މި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ބެލްޖިއަމްގައި މިހިނގި ޓެރަރިޒަމްގެ ފިނޑި އަމަލު، ދިވެހި ރާއްޖޭގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެ އެވެ.

އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ބެލްޖިއަމް ސަރުކާރާއި، ބައިނަލްއަގްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.

ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، ބެލްޖިއަމްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.