ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ހާމަކުރައްވައިފި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ކޮންގްރެސް ބޭއްވުމަށް ވަގުތީގޮތުން ކަނޑައަޅާފައިވާ ތާރީހަކީ މާޗް 8 ވަނަ ދުވަހެވެ.
"އަދި ރަސްމީކޮށް ތާރީޚް ޔަގީންވާނީ ފީފާގެ ހުއްދަ ލިބުމުނ. މިހާރު އަޅުގަނޑުމެން އެކަމަށް އިންތިޒާރު ކުރަމުން މިދަނީ،" މީޑިއާގައި ޝުޖާއު ވިދާޅުވި އެވެ.
މި ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ ބަޖެޓް ފާސްކުރުމާއި އެފްއޭއެމްގެ ދެ މުހިއްމު ކޮމިޓީ - ފިޔަވަޅު އަޅާ ކޮމިޓީއާއި އިސްތިއުނާފް ކޮމިޓީ ހޮވުމެވެ. މީގެއިތުރުން އެފްއޭއެމްގެ ހިސާބުތައް އޮޑިޓްކުރުމަށް ރަސްމީ އޮޑިޓް ފާމެއް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.
މިއީ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ބާއްވާ ފުރަތަމަ ރަސްމީ ކޮންގްރެސް އެވެ.
މި ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަން އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އެވެ.
ފީފާއިން ނޮމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމަށް މުއިއްޒު އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިބަދަލު ގެނައީ ކުރިން ޗެއާމަނަކަށް ހުންނެވި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. ނޮމަލައިޒޭޝަން ކޮމިޓީގައި ހިމެނޭ ގާނޫނީ އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރު އަހްމަދު އަލީ އެ ކޮމިޓީން އިސްތިއުފާ ދެއްވާފައިވާތީ ކޮމިޓީގައި މިވަގުތު ތިއްބެވީ ތިން މެންބަރުންނެވެ.