ދުނިޔެ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި ސުޖާތާ ސިންގް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި އެވެ.

ސުޖާތާގެ ބަދަލުގައި މަގާމަށް އައްޔަންކޮށްފައި ވަނީ އެސް ޖައިޝަންކަރެވެ. އޭނާ އައްޔަންކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ކުއްލި ނިންމުން އައިސްފައި ވަނީ ބޮޑުވަޒީރު ނަރެންދުރަ މޮދީ ރިޔާސަތު ބަލަހައްޓަވާ އެޕޮއިންޓްމަންޓް ކޮމިޓީގެ ބައްދަލުވުމަކަށް ފަހުގަ އެވެ. ސުޖާތާ މަގާމުން ވަކިކުރި އިރު އޭނާގެ މަގާމުގެ ދައުރު ހަމަވާނީ މި އަހަރުގެ އޯގަސްޓް މަހު އެވެ.

މަގާމަށް އައްޔަންކުރި ޖައިޝަންކަރަކީ މޮދީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާ އަށް ވަޑައިގެން އިރު އަދި މި ހަފުތާގައި އޮބާމާ އިންޑިއާ އަށް ވަޑައިގެންއިރު ވަރަށް އިސްކޮށް ޖައިޝަންކަރު ހަރަކާތްތެރިވެ ވަޑައިގެންފައިވެ އެވެ.

ސުޖާތާ އަކީ އިންޑިއާގެ ފޮރިން ސެކްރެޓަރީކަން ކުރެއްވި ތިން ވަނަ އަންހެން ބޭފުޅާ އެވެ. އޭނާ މަގާމުން ވަކިކުރުމަށް ފަހު އެހެން މަގާމެއް ދެއްވި ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.