ދުނިޔެ

ބްރަސަލްސްގައި ބޮން ގޮއްވާލި މީހުންގެ ފޮޓޯ އާންމުކޮށްފި

ބެލްޖިއަމްގެ ވެރި ރަށް ބްރަސެލްސްއަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ތިބި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ އާންމުކޮށްފި އެވެ. އާންމުކޮށްފައިވަނީ، ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓަށް ހަމަލާދިން ތިން މީހުންގެ ފޮޓޯ އެވެ. ޝޫމަން އަދި މަލްބީކް މެޓްރޯ ސްޓޭޝަނަށް ދިން ހަމަލާތަކުގެ ފަހަތުގައި ތިބި މީހުން އަދި ސާފެއް ނުވެ އެވެ.

އައިއެސްއިން މި ހަމަލާތަކުގެ ޒިންމާ ނަގާފައިވާއިރު ބެލްޖިއަމްގެ ފުލުހުން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖްގެ ފޮޓޯއިން ފެންނަނީ ކަޅު ކުލައިގެ ޖެކެޓެއް ލައިގެން ތިބި ދެ މީހުންނާއި ހުދު ކުލައިގެ ޖެކެޓެއް ލައިގެން ހުރި މީހެކެވެ. މީގެ ތެރެއިން ކަޅު ކުލައިގެ ޖެކެޓް ލައިގެން ތިބި ދެ މީހުން ވަނީ ޖާނުން ފިދާވެ، އެއާޕޯޓްގައި ހަމަލާދީފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެއާޕޯޓްގައި ދެ ގޮވުމެއް ގޮވާފައިވާއިރު، ދެ ގޮވުމުގެ ދެމެދުގައި ހުރީ 20 އަކަށް ސިކުންތެވެ.

ހުދު ކުލައިގެ ޖެކެޓް ލައިގެން ހުރި މީހާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ވަނީ ފަށާފަ އެވެ. އަނެއް ދެ މީހުން ވަނީ ޖާނުން ފިދާވެގެން ބޮން ގޮއްވާލާފައި ކަމަށް ވެސް ތަހުގީގު ކުރާ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

މި ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު ޔަގީނެއް ނުވެ އެވެ. ބައެއް މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި މަރުވެފައިވަނީ 34 މީހުންނެެވެ.

މި ހަމަލާތަކާ ގުޅިގެން ބެލްޖިއަމް އެންމެ މަތީ ޓެރަރިޒަމް އެލާޓް ނެރެފައިވާއިރު އެއާޕޯޓާއި މެޓްރޯ ސްޓޭޝަން ވަނީ މިހާރު ބަންދުކޮށްފަ އެވެ.