ރަށްތަކާއި ސިޓީތަކަށް ހާއްސަ ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވަން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިއުލާން ކޮށްފި އެވެ.
މާލޭގައި ކުރިއަށްދާ މި މުބާރާތަކީ ލާމަރުކަޒީ ގާނޫނުގައި އިދާރީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށް ވީއޭއެމް އިން ބުނެ އެވެ.
"ރާއްޖެ ބީޗް ވޮލީ ލީގު"ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ކޮންމެ ރަށަކުން ނުވަތަ ސިޓީއަކުން ވާދަކުރާ ޓީމުގައި ހިމެނެން ޖެހޭނީ އެ ރަށަށް ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ ކުޅުންތެރިން އެކަންޏެވެ.
ދެ ޖިންސަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ކޮންމެ ރަށަކުން ހަތަރު ކުޅުންތެރިން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ވީއޭއެމުން ބުނެ އެވެ. އެއީ އަންހެން ޑިވިޝަންއިން ދެ ކުޅުންތެރިންނާއި ފިރިހެން ޑިވިޝަންއިން ދެ ކުޅުންތެރިންނެވެ.
އޭޕްރީލް ދެވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 2,500 ރުފިޔާ ދައްކައިގެންނެވެ. އަދި މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި 20,000 ރުފިޔާ ވީއޭއެމުން ވަނީ ކަނޑައަޅާފަ އެވެ.